އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދީ ހައްޔަރުކުރުމަށް އަމުރެއް ނުކުރަން: ނަޝިދު

ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދީ ހައްޔަރުކުރުމަށް އެއްވެސް އަމުރެއް ކޮށްފައި ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފ...

26 Feb 2015 | 16:36

ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދީ ހައްޔަރުކުރުމަށް އެއްވެސް އަމުރެއް ކޮށްފައި ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ދައުވާގެ ދެވަނަ އަޑުއެހުމުގައި ނަޝީދު ވިދާޅުވީ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެމަނިކުފާނަކީ ޓެރިސްޓެއްކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެކަން ރިޔާސީ އިންތިހާބުގެ ވޯޓާއި ތާއީދުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ އަކީ ސިޔާސީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ ސިޔާސީ ދައުވާއެއް ކަމަށެވެ.

މިރޭގެ ޝަރީއަތް ނިންމާލީ ދައުވާއަށް ތައްޔާރުވުމަށް ވަގުތު ދިނުމަށް ނަޝީދުގެ ވަކީލުން އެދުމުން ތިން ދުވަސް ދިނުމަށް ފަހު އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ، ދައުލަތުގެ ފަރާތުން މިރޭ ކޯޓުގައި ބުނި ގޮތުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމައި، "ގަދަކަމުން" އޭނާ ގިރިފުށީގައި ބަންދުކޮށްފައި ބަހައްޓާފައި ވާތީ އެވެ. މީހަކު ގަދަކަމުން ހައްޔަރުކޮށްގެން ގެންގުޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް، ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގައި ބުނާ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މިރޭގެ އަޑުއެހުމުގައި، ނަޝީދު ބަހައްޓާފައި ހުރީ، ވަކީލުންނާ ދުރުގައި، ވަކިން ކެބިންއެއްގަ އެވެ. ދައުވާއާ ގުޅޭ ގޮތުން މަޝްވަރާކުރަން އުދަނގޫވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ނަޝީދާއި އެ މަނިކުފާނުގެ ވަކީލުން ނެންގެވުމުން، ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، އެއީ މިރޭގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ކޯޓު ރޫމް އަތުރާފައިވާ ގޮތް ކަމަށެވެ. އަދި އެ ގޮތް ބަދަލުކުރެވެން ނެތް ކަމަށް ފަނޑިޔާރުން ނިންމެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް