ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިތުރު ދެ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ރައީސް އޮފީހުން ވިދާ...

26 Feb 2015 | 12:40

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިތުރު ދެ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ އިސްލާހު ގެންނަން ހުށަހެޅީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލާއި، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު ކަމަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަކީ، އެ ޤާނޫނުގައިވާ ބައެއް މަފްހޫމްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފުވާ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/11 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި ކަނޑައަޅުއްވާފައިވާތީ، އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރައްވާފައިވާ އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު ސަރުކާރުން ހުށަހެޅުއްވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަމަށްވާތީ ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމުދޭނެ ޚާއްޞަ ޔުނިވަރސިޓީއެއް ޤާއިމުވެފައި ހުރުމަކީ އިސްލާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުވެ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަވެ، ރައްޔިތުންނާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި މިފަދަ ތަޢުލީމީ މުއައްސަސާއެއްގެ މަޤުޞަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި އެކަންކަމާގުޅޭ އުސޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުއްވުމުގެ ބޭނުމަކީ، ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 'ކައިވެނި ރޫޅުމުން ޢާއިލާ ނިކަމެތި ވެދިޔުމުގެ ފުރުޞަތު ކުޑަކުރުން' ވަޢުދުގެ ދަށުން ކައިވެނި ރޫޅުމާ ގުޅިގެން ދިމާވާ ޙާލަތްތަކުގައި އަންހެން މީހާއަށާއި ކުދީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ވަގުތީ ވަސީލަތްތައް ހަމަޖައްސައިދެވޭނެ އިޖުތިމާޢީ އަދި ޤާނޫނީ އުސޫލު ތަޢާރަފުކުރުމާއި 'ކައިވެނި ރޫޅިއްޖެނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްޤު ހިއްސާ ހޯދައިދޭނަން' ވަޢުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައިވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެމުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާއި އުސޫލުތައް ޤާއިމުކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް