ޕެޓްރޯލު ވަގަށް ނަގައިގެން ފުޅި ފުޅިފުޅިއަށް އަޅައިގެން އެ ނިކުތީ ފުލުހުން !؟

ޒަމާންވީ ރަހުމަތްތެރިއަކު ފޯނުކޮށްލި އެވެ. ކަންފަތުގަ ފޯނު ޖެހުނުކަމެއް ނޭންގެއެވެ. އެއޮއް ކޮއްލި ސުވާލެކެވެ. "އޭ ބައިވަރު ފުލުހުން އެބައުޅޭތަ ޕެޓްރޯލް ފުޅި ހިފައިގެން މަގުމަތީގަ، އެއީ ކިހިނެއް ވާ ކަމ...

26 Feb 2015 | 05:03

ޒަމާންވީ ރަހުމަތްތެރިއަކު ފޯނުކޮށްލި އެވެ. ކަންފަތުގަ ފޯނު ޖެހުނުކަމެއް ނޭންގެއެވެ. އެއޮއް ކޮއްލި ސުވާލެކެވެ. "އޭ ބައިވަރު ފުލުހުން އެބައުޅޭތަ ޕެޓްރޯލް ފުޅި ހިފައިގެން މަގުމަތީގަ، އެއީ ކިހިނެއް ވާ ކަމެއްތަ؟" އޭރަކުވާ މަށަކަށް އެކަމުގެ ވާއެއް ނުވާއެއް ނޭންގެއެވެ. ރަހުމަތްތެރިޔާއާ ސުވާލުކޮށްލުމުން ބުނީ ސައިކަލުތަކުން ޕެޓްރޯލް ވަގަށް ނަގައިގެން އެކި ސައިޒު ސައިޒުގެ ފުޅި ފުޅިއަށް އަޅައިގެން، ފުލުހުންގެ އަތަށް އަންގީ ލައްވައިގެން، ކޮޅުކޮޅަށް ހިނގާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަކަމަށެވެ.

ނާ ތެދެއްހޭ އަހާ ރަހުމަތްތެރިޔާ ގާތުގައި އޭގެން ފޮޓޯއެއް ފޮނުވައިދިނުމަށް އެދިއްޖައިމެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ދިރާގުގެ 3 ޖީ ފާސްޓްކަމުން މާކަ ގިނަ އިރެއްނުވެ ރަހުމަތްތެރިޔާ ވައިބަރު ކޮށްލި ދެ ފޮޓޯއެއް ފޯނަށް ލިބިއްޖެ އެވެ.

އަސްތަގްފިރުﷲ ! ރަހުމަތްތެރިއާ އެބުނީކީ މުޅިއަކުން ދޮގު ވާހަކައަކަށް ނުވި އެވެ. އެއް ފޮޓޯއިން މި ފެންނަނީ ގަދަ ނޫ ކުލައިގެ ޔުނީފޯމުގައި ފުލުހަކު ސައިކަލެއްގައި ކައިރީގައި އިށީންދެ އިނދެ ފުޅި ފުޅިއަށް ޕެޓްރޯލު އަޅާ މަންޒަރެވެ. އެވެސް ރޯމާ ދުވާލު އެވެ. ފަސްވަރަކަށް ފޫޓު ދުރުގައި މަޑު ނޫ ކުލައިގެ ޔުނީފޯމުގައި އަންހެން ފުލުހަކުވެސް ހުއްޓެވެ. އާދައިގެ ހެދުމުގައި ހުރި މީހެއްގެ އަތުގައިވެސް ހުސް ފުޅިއެއް އޮތެވެ. އެވާނީ ފުޅި ސައިޕްލައި ކޮށްދޭ މީހާއަށެވެ.

ދެވަނަ ފޮޓޯ އަދި ކުރިން ބެލި ފޮޓޯއަށްވުރެ މާ ނުރައްކަލެވެ. އެއްކަލަ ދެކުލައިގެ ޔުނީފޯމުގައި ތިބި ދެ ޖިންސުގެ ދެ ފުލުހުން ކޮންމެ ފުލުހަކު ދެ ފުޅި ޕެޓްރޯލު ހިފައިގެން ދެ އަތަށް މަޑު ނޫކުލައިގެ އަންގީ ލައްވައިގެން މިސްރާބު ހިފާފައިހުރީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގާ ދިމާލަށެވެ.

އަޅެފަހެ ސުވާލު ނުއުފެދޭނެ ހެއްޔެވެ. ފުރަތަމަ މަންޒަރުން މި ފެނުނީ ސައިކަލަކުން ޕެޓްރޯލު ކަޓުވަނިކޮށެވެ. ދެވަނަ މަންޒަރުން މި ފެންނަނީ ފުޅިތައް ބަރުކޮށްގެން މަރުކަޒަށް ފުޅިތައް ޖަމާކުރާ މަންޒަރެވެ. ދެތިން ފަހަރަކަށް ބޯ ކަހާލާފައި ޓްވިޓާއަށް ވަދެލައިފީމެވެ. ކަމަކު ދާކަށްނެތެވެ. ޓްވީޓްވެސް ރީޓްވީޓްވެސް ކުރަމުން މިދަނީ އެއްކަލަ ދެ ފޮޓޯއެވެ.

"އާތް ފުލުހުން ސޯޓު ބޭލުނީ ތިއޮއް، މީސް މީހުންގެ ސައިކަލުތަކުން ވައްކަން ކޮށްގެން މިރޭ މާލޭގެ އެކި ތަންތާނގަ ހުޅު ޖަހަން އެއުޅެނީ، މިކަމާ ސީޕީ ޒިންމާ ވާން ޖެހޭނެ – ޕިސް ޕިސް މީ ދޯ ހުރިހާ އެންމެން ކޯޓުކައިރީގަ އުޅޭވަގުތު ފުލުހުން މި ގަންނަ ގަނޑަކީ #އޯލްބާގީސް" މީ އޭގެން އެންމެ ދެ ޓްވީޓެވެ. އެދުވަހު އެއްކޮށް ކަހަލަ ގޮތަކަށް މި ދެފޮޓޯ އެކި ސްޓޭޓަސް ތަކާއެކު ސޯޝަލް މީޑިއާގައި އެނބުރެމުން ދިޔަ އެވެ.

ޖެހިގެންއައި ދުވަހު އެހެން ރަހުމަތްތެރިއަކު ފޭސްބުކުން ލިންކެއް ޝެއާކޮށްފި އެވެ. ހުޅުވާލައިފީމެވެ. އެއްކަލަ ޕެޓްރޯލް ކަހާނީގެ އިތުރު ފޮޓޯތަކެކެވެ. މިފަހަރު ތިން ފޮޓޯއެވެ. ހައި ކޮލިޓީ ފޮޓޯތަކެކެވެ. އެއް ފޮޓޯއިން މި ފެންނަނީ ބާރު ސްޕީޑްގައި ފުޅިއަކަށް ޕެޓްރޯލް އަޅާ މަންޒަރެވެ. ދެވަނަ ފޮޓޯއިން މި ފެންނަނީ އެ ސައިކަލުގެ "ވޭލް" އެކެވެ. އެ ވޭލް ފުލުހުން ބިންދާލީކަން ނޭންގެއެވެ. ތިންވަނަ ފޮޓޯއިން މި ފެންނަނީ ސައިކަލުގެ ލޯގަނޑުގައި އެއްކަލަ ގަދަނޫ ޔުނީފޯމުގައި ހުރި ފުލުސް މީހާގެ ތޮފި އަޅުވާލައިގެން ހަމަ ހެވިލާފައިއިނދެ ފުޅިއަށް ޕެޓްރޯލް އަޅާ މަންޒަރެވެ.

ފޮޓޯތައް ފޭސްބުކަށް ޝެއާކުރި މީހާ ލިޔެފައިވާ ސްޓޭޓަސް ކިޔާލީ ދެނެވެ. "ފުލުހުންގެ އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް، އޭގެ ވޭލްއެއް ބިންދައިގެން ދިޔައިމަ މަގުމައްޗަށް ޕެޓްރޯލު ފައިބާތީވެ އެމީހާއަށް ހެލްޕު ވީމާވެސް އެއްބަޔަކު ޕެޓްރޯލް ވަގަށް ނަގާކަމަށް ވާހަކަ ފަތުރަނީ، މިދެން ބޮޑުވަރު" ލިޔެފައި އޮތީ މިހެންނެވެ.

ހަގީގަތް ސާފުކޮށްލަން ކުރި މަސައްކަތުން އެނގުނީ ކަންހިނގީ ހަމަ އެހެން ކަމެވެ. އާންމު ރައްޔިތެއްގެ ސައިކަލުގެ ޕެޓްރޯލު ވޭލު ބިންދައިގެން ދިޔައީއެވެ. އެ ޕެޓްރޯލުތައް މަގުމައްޗަށް އެޅި ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތިއްޔާއި އަދި އެމީހާއަށް އެހީވުމުގެ ނިޔަތުގައި ފުޅި ފުޅިއަށް ޕެޓްރޯލު އެޅީއެވެ. އަދި ސައިކަލަށް ދިމާވި މައްސަލަ ހައްލުވުމުން ޕެޓްރޯލް ފުޅިތައް ބަލާ ޝަހީދު އަލީ އާދަމް ބިލްޑިންގަށް އަންނާށޭ ބުނެ ފުލުހުން އެ ޕެޓްރޯލް ފުޅިތައް ގެންދިޔައީއެވެ.

އަސްލު ޕޮއިންޓަށް މި އާދެވުނީ އަދި ކިރިޔާއެވެ. މީ ރާއްޖޭގައި އާންމުވެފައިވާ ނުބައި އާދައެކެވެ. ސިފައެކެވެ. ސިޔާސީ ގޮތުންވެސް އަދި އެހެންގޮތްގޮތުންވެސް މި ސިފަ މިވަނީ އާންމު ސިފައަކަށް ވެފައެވެ. ޕީޕީއެމެއް އެމްޑީޕީއެއް ޖޭޕީއެއް އިސްތިސްނާ ކުރާނެ ކަމެއް ނެތެވެ. އާދަނެއް ހުސޭނެއްވެސް އިސްތިސްނާ ކުރާނެ ކަމެއް ނެތެވެ. ވަކި ކަންތައްތަކެއް ހާސިލް ކުރުމަށްޓަކައި ހަމަ ކޮންމެފަދަ އެއްޗެކޭވެސް ކިޔަނީއެވެ.

އެއްދުވަހު އެކްސްރޭއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަނބުރަފާނެއެވެ. އަނެއް ދުވަހު ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނޭ ކިޔައިގެންވެސް ފޮޓޯ އަނބުރަފާނެއެވެ. މިކަން ހުއްޓަން ވެއްޖެއެވެ. ފިތުނަ ފަސާދައިން އަހަރުމެންގެ މި މުޖްތަމައު ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަން ވެއްޖެއެވެ. މިކަން ހައްލު ކުރެވޭނީ ކޮންމެ ފަރުދަކުވެސް އެ ފަރުދެއްގެ ފަރުދީ ޒިންމާ އުފުލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް