ކުރިއަށް އޮތް ރޯދަމަހަށް ތިނަދޫ ސިޓީ ކައުންސިލުން އުސޫލެއް އެކުލަވާލައި އެ އުޞޫލު ގެޒެޓުކޮށްފިއެވެ.
އެ އުޞޫލުގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސް ތަކަކަށް ހެދޭތޯ އެ އިދާރާއިން އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދޭންވީ ކަންތައްތަކެއް އުޞޫލުގައި ފާހަގަކޮށްފައިވެއެވެ.
އެ ކަންތައްތަކަކީ:-
- ތިނަދޫ ސިޓީގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާން މަހުގެ މަޤްޞަދު ޙާޞިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުން.
- ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތުތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން.
- ދުވާލުގެ ވަގުތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން.
- ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން މިއިދާރާއިން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތާގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރާކާތްތައް ޢާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބޭއްވުން.
- ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުން. އަދި ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން، ވަގުތު ދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުން.
- އޮފީސްތަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ރަށުގައިހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ މިއިދާރާކަމަށްވުމުން މިއިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރުން.
ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް، ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ޤާއިމުކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެކަމަށާއި އަދި މީގެތެރެއިން އެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރެވެމުންދާނެކަމަށްބުނެފައިވެއެވެ.
އެ އުޞޫލުގައި ބުނެފައިވަނީ އެކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި މިފަދަ އުޞޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި އެއިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމަށާއި އަދި މިކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި އެ އިދާރާއިން އެފަދަ ފިޔަވަޅުވެސް އަޅަމުންގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް