މީޑިއާ އަދި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުކުރައްވަމުން ގެންދަވާކަން މަޖިލީހުގެ ނައިބު ރައީސް ހާމަކުރައްވައިފިއެވެ.
މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް އެކަން ހާމަކުރެއްވީ ސަންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މައުލޫގައި ނާޒިމް ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް މިހާރު އޮންނަ ނިޒާމުގެ ތެރެއިން ސެލްފް ރެގިއުލޭޓް ނުކުރެވޭކަމަށެވެ. މީޑިއާތަކާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓް ކުރުމާބެހޭ އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއްހައި ދުވަސްވެއްޖެކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމާއެކު އެ ބިލު ހުށަހަޅައި ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލެވެނެކަން ފާހަގަކުރެއްވިއެވެ.
އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެކަމަށް ބުނި ނަމަވެސް މީޑިއާތައް ރެގިއުލޭޓް ކުރެވޭތަން ނުފެންނަކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ ޓީވީތަކުން ބޭނުންހާ އެއްޗެއް ދައްކާއިރު ލިޔަންބޭނުންވާހާ އެއްޗެއް ލިޔަމުން އަންނަ ކަމަށެވެ.
ހުށަހަޅަން ތައްޔާރުވަމުން އަންނަ ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރުންކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މެލޭޝިޔާގައި އޮންނަފަދަ މަލްޓި މީޑިއާ ކައުންސިލެއް އުފެއްދުމަކީ ރަނގަޅު މޮޑެލެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް