ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާއު ދިވެހި ފުލުހުންނަށް ތިން ނަސޭހަތެއް ދެއްވައިފިއެވެ.
އެ ތިން ނަސޭހަތް ސީޕީ ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ ސެންޓަރު ދ. ވާނީގައި ކުރިއަށްގެންދިޔަ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނިކުންނަ ތިޔަ އޮފިސަރުންގެ ކިބައިން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ފުރަތަމަ ކަމަކީ ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުން ކަމަށެވެ.
"ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެނެޔޭ އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ، މަގުމަތީގަ ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާ ތިބެނީ ފޯނަށް ގެއްލިފައޭ، މިކަން ރަނގަޅު ކުރަން އެބަޖެހޭ، އުންމީދުކުރަން ތިޔަ އޮފިސަރުން ރައްޔިތުންގެ ހިދުމަތުގަ ތިބޭއިރު ރައްޔިތުންނަށް ހާއްސަވެގެން ތިބޭނެކަމަށް" ސީޕީ ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް ސީޕީ ފާހަގަކުރެއްވީ ރައްޔިތުންނާ އަބަދުވެސް ރިވެތި ބަހުން މުއާމަލާތް ކުރުމެވެ. ރިވެތި ބަހުން ވާހަކަ ނުދެއްކޭނޭ އެއްވެސް ހާލަތެއް އައިސްގެން ނުވާނެކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ރައްޔިތުންނަށްވުރެ ވަކިން މާތްކޮށް ވާހަކަ ދައްކަންޖެހޭ އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ.
ތިންވަނަ ކަމަކަށް ސީޕީ ފާހަގަކުރެއްވީ ފުލުހުންނަށް ލިބިދޭ ބާރުތައް ޒިންމާދާރުކަމާއެކީ ބޭނުންކުރުމެވެ. ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރަކީ ހިތުހުރިގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ އަބަދުވެސް ބަލަންވާނީ ބާރުގެ ބޭނުން ނުކޮށް ދިމާވާ ކަންކަން ހައްލުކުރުމަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް