ދިރާގު ގޭމާސް ގިލްޑުން ސީސަން 1 ލޯންޗްކޮށް ގޭމިންގ ކޮންކުއެސްޓް 2025 ތައާރަފްކޮށްފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) ގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅި...

26 Jan 2025 | 07:38

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) ގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އައު މުބާރާތްތަކެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މި ޗެމްޕިއަންޝިޕް ފަރުމާކޮށްފައިވާ ފޯ-ގޭމް ފޯމްޓްގެ އެހީގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންގއަށް ޝައުގުވެރިވާ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

"މި ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުން، ދިވެހިރާއްޖޭގައި ތިބި ގޭމް ކުޅުންތެރިންނަށް އައު ތަޖުރިބާތަކެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ޑީ.ޖީ.ޖީ އިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަވެގެންދޭ، މި ގޮތުން، މި ކޮމިއުނިޓީގައި މިއަދާ ހަމައަށް 4،000 މެންބަރުން ވަނީ ރަޖިސްޓަރީކޮށްފައި، މި ފަރާތްތަކަށް ހާއްސަކޮށްގެން ޑީ.ޖީ.ޖީއިން ވަނީ ވާދަވެރި އަދި ކާމިޔާބު ގިނަ މުބާރާތްތަކެއް ހިންގައި، ދިވެހިރާއްޖޭގެ ވާދަވެރި ގޭމިންގ ކުރިއެރުވުމަށް ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުން" ދިރާގުން ފާހަގަކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ ޑީ.އެމް.ޖީ.ސީގައި "ޕަބްޖީ" އަދި "މޯބައިލް ލެޖެންޑްސް: ބޭންގ ބޭންގ" ހިމެނެއެވެ. މީގެ އިތުރުން، މި ޗެމްޕިއަންޝިޕްގައި މި ފަހަރު މުޅިން އަލަށް "ރޮކެޓް ލީގް" އަދި "އެފްސީ 25" ވަނީ ހިމަނައިފައެވެ. މި ގޮތުން، މި ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެއެވެ. މި ގޮތުން، "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެއެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ 7 ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވޭނެއެވެ. މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2v2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އަދި އެފް.ސީ 25 ގައި އަމިއްލަ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ދިމާލެއްގައި ހުރި، ކޮންމެ ފެންވަރެއްގެ ކުޅުންތެރިއަކަށް ވެސް މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، މި މުބާރާތުގައި ބައިވެރިވުމަށް ދިރާގުން މަރުހަބާކިޔައެވެ. މި ގޮތުން، ފޯރި ގަދަ، އަދި ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެ މި ޗެމްޕިއަންޝިޕްގެ މައިގަނޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 2025 ގައި މާލޭ ސިޓީގައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގ އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެކެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް dgg.mv ގެ ޒަރިއްޔާއިން އިއުލާނު ކުރެވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް