ކާމިޔާބު ދަރިއެއް ތަރުބިއްޔަތުކުރުމަށް ވިސްނާލުން މުހިއްމު ބައެއް ކަންތައްތައް..

ދަރިން ލިބޭ ހިސާބަކީ، ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުން ބަދަލުވެގެންދާނެ ހިސާބެކެވެ. އެހިސާބުން އެ ބަދަލުވީ ބެލެނިވެރިންނަށެވެ. ދަރިފުޅު އުފަންވުމާއެކު، އަޅުގަނޑުމެން ކޮންމެ މަންމައަކާއި ބައްޕައެއްގެވެ...

26 Jan 2024 | 10:03

ދަރިން ލިބޭ ހިސާބަކީ، ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުން ބަދަލުވެގެންދާނެ ހިސާބެކެވެ. އެހިސާބުން އެ ބަދަލުވީ ބެލެނިވެރިންނަށެވެ. ދަރިފުޅު އުފަންވުމާއެކު، އަޅުގަނޑުމެން ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އަމާޒަކަށް ވެގެންދަނީ، އެ ދަރިފުޅު، އެންމެ އުފާވެރި އަދި އެންމެ ކާމިޔާބު ދަރިފުޅުގެ ގޮތުގައި ބޮޑުކުރުމަށެވެ. އެގޮތުން ކާމިޔާބު ދަރިއެއްގެ ތަރުބިއްޔަތު ކުރުމަށް، އެކުދިންނަށް އެކިކަހަލަ ފުރުސަތު ހޯދައިދީ، އުފާވެރި އަދި އަމާން މާހައުލެއްގައި، ރައްކާތެރިކަމާއެކު އެކުދިން ބޮޑެތި ކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް ހުވަފެނެކެވެ.

ކާމިޔާބު ދަރިއެއް ތަރުބިއްޔަތު ކުރުމުގައި މިކަންކަމަށް ވިސްނާލަމާހެއްޔެވެ.

ދަރިފުޅާއެކު މަޖާކޮށް ސަކަރާތް ޖަހާލާނެ ވަގުތުކޮޅެއް 

ރަނގަޅު ދަރިއެއް ތަރުބިއްޔަތު ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާނެ އެއްކަމަކީ، ދަރިފުޅާއެކު ރަނގަޅު ގުޅުމެއް ޤާއިމްކުރުމެވެ. އެ ގުޅުން ގާއިމް ކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއްކަމަކީ، ދަރިފުޅާއެކު މަޖާކޮށް ސަކަރާތް ޖަހާލާ ވަގުތުކޮޅެވެ. އެކަމުގެ ސަބަބުން ބެލެނިވެރިޔާއާއި ދަރިފުޅާ އޮންނަ ގުޅުން ގާތްވެ ކޮންމެ ވާހައެއްވެސް ހިއްސާކުރެވި އެންމެ ގާތް އެކުވެރިޔާއަށް ބެލެނިވެރިޔާ ވެގެންދެއެވެ. އަބަދުވެސް ހަނދާންކުރަންވީ، ދަރިފުޅުގެ އެންމެ ފެވްރިޓް އަދި އެންމެ ގާތް މީހެއްގެގޮތުގައި މަންމަ ނުވަތަ ބައްޕަވުމަށެވެ.

އުފާވެރި ބެލެނިވެރިން

ދަރިންގެ އުފާވެރިކަން ގިނަފަހަރު ގުޅިފައި އޮންނާނީ، އެކުދިންގެ ބެލެނިވެރިންގެ އުފާވެރިކަމާއި،  ދިރިއުޅުމުގެ ހަމަޖެހުމާއިއެވެ. އެހެންކަމުން ދަރިން ލިބުމަށްފަހު، ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް އަދި އުފާވެރިކޮށް ބޭއްވުމަށް ޚާއްސަ ސަމާލުކަމެއްދޭށެވެ. ދަރިން ދެކެން އެންމެ ބޭނުންވާނެ މަންޒަރަކީވެސް އެއީއެވެ. އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުން އުޅޭ ބެލެނިވެރިން، އެމީހުންގެ ދަރިންނަށްވެސް އެފަދަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރާނެއެވެ. އަދި އެފަދަ މާހައުލެއްގައި ބޮޑުވާ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އުފާވެރިކަންވެސް ބޮޑެވެ.

ޕޮޒިޓިވް ވިސްނުމެއް

އަބަދުވެސް ކުއްޖާއަށް ނެގެޓިވްކޮށް ވިސްނުވައިދީ، ކުއްޖާ ކަންތައްތަކާމެދު ނެގެޓިވް ޚިޔާލު ފާޅުކުރާނަމަ، ކުއްޖާގެ އަމިއްލަ ނަފްސާމެދު އިތުބާރު ކުޑަވެއެވެ. އަމިއްޔަ ނަފްސަށް އޮންނަ ޔަގީންކަން ގެއްލެއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން، ކަންކަން ކުރުމަށް އޮންނަ މޯޓިވް ގެއްލި، ކިޔެވުން ނުވަތަ ކުރާ މަސައްކަތަކުން ކުރިއަރައި ދިޔުމުގެ ޝައުގުވެރިކަން ކުއްޖާގެ ކިބައިން ގެއްލިގެންދެއެވެ. އެހެން ނުވެދިނުމައްޓަކައި އެންމެ ބޮޑަށް ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އަޅުގަނޑުމެން މައިންބަފައިނަށެވެ.  ކުއްޖާ ކުރާ ކަންކަމުގައި ހިއްވަރުދީ، ކުއްޖާ ޝައުގުވެރިވާ ދާއިރާތަކުން ފުރުސަތު ހޯދައިދީ ކުރިއަރުވައިދިނުމުގެ އެންމެ އިސްރޯލެއް އަދާކުރެވޭނީވެސް މައިންބަފައިންނަށެވެ. އެހެންކަމުން އަބަދުވެސް ވިސްނަންވީ، ކުއްޖާ ފާޅުކުރާ ޚިޔާލަކީ އެންމެ ރަނގަޅު ޚިޔާލު ނޫންކަމުގައިވީނަމަވެސް، ފުރަތަމަވެސް ނެގެޓިވް ވާހަކަތަކެއް ފަށައިގަނެ ކުއްޖާގެ ހިތްމަރާލުމަށްވުރެ، ކުއްޖާއަށް އެކަމުގެ ނުރަނގަޅުކަން ވިސްނޭނެފަދަ ޕޮސިޓިވް ގޮތަކަށް ވާހަކަ ބައްޓަންކުރުމަށެވެ. މިކަމަކީ އަޅުގަނޑުމެން މައިންބަފައިން ވަރަށް ކެތްތެރިކަމާއެކު އުޅެގެން ނޫނިއްޔާ ނުވާނެ ކަންކަމެވެ. ނަމަވެސް މިކަމުގެ ހެޔޮ އަސަރު ކުއްޖާ ބޮޑުވެގެން އަމިއްލަ ދިރިއުޅުމެއް ފަށާދުވަހު ފެންނާނެއެވެ. އެހެންކަމުން މިއީ ކުޑަކޮށް ކެތްތެރިކަން އިސްކޮށްލައިގެން ވިޔަސް ކުރުން ރަނގަޅުކަންކަމެވެ.

ކާމިޔާބީ ފާހަގަކުރުން

ދަރިފުޅަށް ލިބޭ އެކިކަހަލަ ކާމިޔަބީތައް ފާހަގަކުރާށެވެ. އެއީ ކިތަންމެ ކުޑަ ކާމިޔާބީއެއްކަމުގައިވިޔަސްމެއެވެ. އެއީ އިތުރު ކާމިޔާބީ ހޯދައި ކުރިއަށް ދިޔުމަށް ކުއްޖާއަށް ލިބޭ ހިތްވަރެކެވެ. މީގެ އިތުރުންވެސް އެކިކަހަލަ ދުވަސްތައް، އާއިލާއެކީގައި ފާހަގަކުރާށެވެ. އެކަމުގެ ސަބަބުން އާއިލީ ގުޅުމުގެ މުއިއްމުކަން ދަރިފުޅަށް ވަޒަންކުރެވޭނެއެވެ.

ކައިވެނީގެ ގުޅުން ވަރުގަދަކުރުން

އަބަދުވެސް އެންމެ އިސްކަމެއް ދޭންވީ މުހިއްމު އެއްކަމެއްގޮތުގައި، ކައިވެނީގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރާށެވެ. އެއީ މަތީގައި ދެންނެވި ހުރިހާކަމެއް ގުޅިފައިވަނީ، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ ވަރުގަދަކަމުގެ މައްޗަށެވެ. މާނައަކީ، އުފާވެރި އަދި ކާމިޔާބު ދަރިއެއް ތަރުބިއްޔަތުކުރުމުގެ އެންމެހާ ކަންކަން އެންމެ ބާރު ދުވެލީގައި ކުރިއަށް ގެނދެވޭނީ، ދެމަފިރިން އެކައްޗެއް ކިޔައިގެން އެކަމަށް މަސައްކަތް ކޮށްގެން ކަމުގައި ވީހިނދު، ވަރުގަދަ ގުޅުމެއް ދެމަފިރިންގެ ދެމެދުގައި ޤާއިމްވެފައި އޮތުން މުހިއްމެވެ. އޭރުން ދިރިއުޅުމެއްގެ ތެރެއިން ދަރިފުޅަށް ފެންނަންޖެހޭ ލޯތްބާއި، އަސްލު ހަޤީޤީ މާނައިގައި ދިރިއުޅުމަކީ ކޮބައިކަންވެސް ދަރިފުޅަށް ދަސްވެގެންދާނެއެވެ. އަދި ދަރިފުޅު އަމިއްލަ ދިރިއުޅުމަށް ނުކުންނަ ދުވަހު، ދިރިއުޅުމަކީ ކޮބައިކަން ދަސްވެފައި އޮންނާނީވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް