ރުޅި މަޑުކުރުމަށާއި ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ބުނީ ރުޅި މަޑުކުރުމަކީ މާތް ﷲ އަދި އެކަލާނގެ ރަސޫލާ ﷺ ލޯބިފުޅުވާ ސިފައެއް ކަމަށެވެ.
މިއަދު މުޖުތަމައު ތެރެއިން ރުޅި މަޑުކުރުމުގެ ރޫހު ނުފެންނަ ކަމަށާއި ފެންނަމުން އަންނަނީ ބަދަލުހިފުމުގެ ރޫޙު ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ﷺ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ، "ވަރުގަދަ މީހަކީ ހިފާ ބަލިކުރާ މީހާއެއް ނޫނެވެ. އެހެނަސް ވަރުގަދަ މީހަކީ، އޭނާގެ ގާތަށް ރުޅި އަންނަ ހިނދު، ނަފްސު ކޮންޓްރޯލް ކުރާ މީހާއެވެ.".
ޚުތުބާގައި ބުނީ ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށެވެ. އެހެންކަމުން ކީރިތި ﷺ އެކަލޭގެފާނުގެ ސަޙާބީންނަށް ކޯފާ އިސްނުކުރެއްވުމަށް ވަޞިއްޔަތް ކުރައްވާފައިވާކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވުމަށް ކަމަށާއި، މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
ޚުތުބާގައި ބުނީ އިސްލާމީ އުންމަތުގެ މާޒީ އޮތީ މިގޮތަށް ކަމަށާއި، އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުންމަތެއް ކަމަށެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައިވަނީ އުއްމަތް ބިނާކޮށް އާރާސްތުކުރުމަށް ކަމަށް ބުންޏެވެ.
ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށްވެސް ރުޅި އަންނާނެ ކަމަށާއި، އެހެނަސް އެމީހުން ރުޅި އަންނަނީ ﷲ އަށް ޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ކީރިތި ރަސޫލާ ﷺ އަކީ އެކަލޭގެފާނު އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ތަޤްވާ ވެރިންނަކީ ﷲ ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިފައިވާ ބައެއް ކަމުން، މާތް ﷲ އަށް ޙައްޤު ގޮތުގައި ތަޤުވާވެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި މާތް ﷺ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަމިއްލަ ޝަޚްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި، އެކުވެރިކަމާއި އަވަށްޓެރިކަމުގައި ވެސް ރުޅި އިސްކޮށްގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
އަވަދިނެތި އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމާއި، ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ޚުތުބާގައި ބުނީ ދުނިޔެއަކީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް