ކޮމަންޑޫ ދާއިރާ ސަރުކާރަށް ކާމިޔާބު ވުމަކީ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ދެވޭ މެސެޖެއް: ޝިހާބް

ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުވުމަކީ ހުރިހާ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ދެވޭ ބޮޑު މެސެޖެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސްޕެޝަލް އެންވޯއީ މުހައްމަދު ޝިހާބު ވިދާޅުވެ...

26 Jan 2022 | 18:31

ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުވުމަކީ ހުރިހާ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ދެވޭ ބޮޑު މެސެޖެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސްޕެޝަލް އެންވޯއީ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ޝިހާބް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހަައްމަދު ރާޝީދަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެެ.

އެގޮތުން ޝިހާބު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ މިވަގުތުގައި ރައީސް ޞާލިޙުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ.

އަދި ސަރުކާރުގެ މި ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އުޅެންޖެހުނު އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ތަރައްޤީގެ މަސައްކަތް ކޮށްދީފައިވަނީ ވަރަށް ފުރިހަމަ ކަމާއެކު ކަމަށް ޝިހާބު ވިދާޅުވިއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުވުމަކީ ހުރިހާ ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކަށް ދެވޭ ބޮޑު މެސެޖަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިހާބު ފާހަގަކުރެއްވި ގޮތުގައި ސުޕަ މެޖޯރިޓީއާއި އެކު ސަރުކާރު ހިންގާ އެމްޑީޕީގައި 64 މެމްބަރުން އެބަތިބި ކަމަށާއި، އަދި މަޖިލީހުގައި ތިބި ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ސަރުކާރަށް ލިބޭ ކަމުގައެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ސަރުކާރަށް ވަރަށް މުހިންމު ކަމުގައި ޝިހާބް ވިދާޅުވިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ތިން ޕާޓީން ވާދަކުރަން ހަމަޖެހިފައިވާއިރު ކެމްޕޭނުގެ ފޯރި ވަނީ ވަރަށް ގަދައަށް ވައިގައި ހިފާފައެވެ. އެ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރައްވާ އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް