ރާއްޖޭގެ ކަންކަން ހަލާކުގެ ތެރެއަށް ވެއްޓެނީ ޖުޑިޝަރީގެ ބޭއިންސާފުކަމުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުލަތުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ފަށާނީ ކޯވިޑްގެ ހާލަތު ރަނގަޅުވުމުން ކަމުގައި މިއަދު ކްރިމިނަލް ކޯޓުން ބުނެފައި، ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗައް ކުރެވޭ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ޝެޑިއުލްކުރުމާއިި ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑިޝަރީގެ ބޭއިންސާފުކަމާއި ތަފާތު ކުރުމުގެ ސަބަބުން ކަމުގައެވެ.
އަދި ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތިކަމުގައި ޖެހިފައިވާ ފަނޑިޔާރުގެއެއް ނަމަ އެއީ ޤައުމުގެ ހަލާކު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަހްލޫފްގެ މައްޗައް ކްރިމިނަލް ކޯޓުން އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާއެވެ.
މަހްލޫފް ރިޝްވަތު ހިފާފައިވާ ކަމުގެ ތުހުމަތު ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލްގައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތުހުމަތުގައި މަހުލޫފުގެ މައްޗައް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރެވުނީ މި މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އިދާރީ ބައެއް ސަބަބުތަކާއި ހުރެ މި އަޑުއެހުން ކެންސަލް ވެފައިވާ ކަން ކްރިމިނަލް ކޯޓުން އެ ދުވަހު ވަނީ ބުނެފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފް ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކުރި ނަމަވެސް މިހާރު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. އަދި މަހުލޫފް ގެންދަވަނީ ރަސްމީ ދަތުރުފުޅުގައި އަތޮޅުތެރެއަށް ދަތުރުކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް