ކަސްޓަމްސް އިން ހޯދާފައިވާ ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވަނީ ލިބިފަ: ޝަރީފް

ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަންގެ ޓެކްޓިކަލް ޓީމްގެ ސަބަބުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތް ހަރުދަނާވާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވ...

26 Jan 2022 | 16:14

ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަންގެ ޓެކްޓިކަލް ޓީމްގެ ސަބަބުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތް ހަރުދަނާވާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ޚާއްޞަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

ކަސްޓަމްސް ބިލްޑިންގ ގައި މިއަދު ބޭއްވި މި ހަފުލާގައި މިއަހަރުގެ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރަކީ ކޮވިޑް19 ގެ މިދުވަސްވަރާ ވަރަށް މުނާސަބު ޝިއާރެއްކަމަށް ފާހަގަކުރެއްވިއެވެ.

ޓެކްނޮލޮޖީގެ ޒަރީއާއިން މިއަދު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުޅި ކްލިއަރންސް ޕްރޮސެސް މިވަނީ ޑިޖިޓަލައިޒް ކުރެވިފައިކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމްސްގެ ޚިދުމަތްތައް ހޯދުމުގައި އާންމު ރައްޔިތުންނަށް ވަރަށް ބޮޑުތަން ލުއިފަސޭހަ ވެފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

" ކޫރިއަރ ކާރގޯ ޔުނިޓްގެ ސަބަބުން ކުރިއަރ ކާރގޯގެ ކްލިއަރަންސް ޕްރޮސެސް އަވަސް ވުމުގެ އިތުރުން، އެއަރ ކާރގޯގައި ޖެނެރަލް ކާރގޯގެ ކްލިއަރަންސް ޕްރޮސެސް އަވަސްވެގެންދާނެ. އަދި ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަންގެ ޓެކްޓިކަލް ޓީމްގެ ސަބަބުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ." ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ޙަފްލާގައި ކަސްޓަމްސްގެ ކޫރިއަރ ކާރގޯ ޔުނިޓެއް އިފްތިތާހް ކުރުން އޮތެވެ. ކޫރިއަރ ސަރވިސް މުދާ ބަލައި ފާސްކުރުމަށް ޚާއްސަ ޔުނިޓެއް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ  ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ މުދަލާގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށާއި މުދަލުގެ ކޮންޓްރޯލް ހަރުދަނާކޮށް ރެކޯޑް ބެލެހެއްޓުމަށްޓަކައި އެކަމަށް ޚާއްސަކޮށް ޔުނިޓެއް އުފެއްދުމެވެ.

މީގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސް ޓެކްޓިކަލް ޓީމެއްގެ އިތުރުން ސަރވައިލަންސް މަސައްކަތަށް ޚާއްސަ ޔުނިޓެއްވެސް ވަނީ މިއަދުގެ ޖަލްސާގައި އިފްތިތާޙްކޮށްފައެވެ. މި ޓެކްޓިކަލް ޓީމް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް، ވަކިން ޚާއްސަކޮށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް އިތުރަށް ފުޅާ ކުރުމެވެ.

އެގޮތުން މި ޓީމްގެ މަސައްކަތްތަކުގެ ސަބަބުން އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓްއަށް ބިނާކޮށް މަސްތުވާ ތަކެއްޗާއި ޤާނޫނާއި ޤަވައިދާއި ޚިލާފް ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގާ އޮޕަރޭޝަންތައް ހަރުދަނާ ވެގެންދާނެއެވެ. މިޓީމްގެ އޮޕަރޭޝަންތަކުގައި ބަލާފާސްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެއެވެ. އަދި މި އޮޕަރޭޝަންތައް މާލެ ސަރަޙައްދުގެ އިތުރުން، ރީޖަނަލް ކަސްޓަމްސްތަކުގައިވެސް ހިންގޭނެއެވެ.

މިއަދުގެ ހަފްލާގެ އިތުރުން ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން އިނޮޑޮނޭޝިޔާގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންއިން އިންތިޒާމްކޮށްގެން ބާއްވާ ވަރޗުއަލް ރަންގައި ދިވެހިރާއްޖޭގެ ކަސްޓަމްސްއިން ބައިވެރިވުމުގެ ހަރަކާތެއް 28 ޖަނަވަރީ ވާ ހުކުރު ދުވަހު އޮންނާނެއެވެ. މި ދުވުމުގައި ކަސްޓަމްސްގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

"ޑޭޓާ އަށް ފަހި ވެއްޓެއް ޤާއިމް ކުރުމާއި، ޑޭޓާގެ ޘަޤާފަތެއް އަށަގަންނުވައިގެން ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގައި ކުރިއަރައި ދިއުން" ގެދަށުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 19 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން މިއަދުގެ ހަފްލާގައި އޮތެވެ. މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް