ށ. ފުނަދޫ މޮނީޓަރިން ހާލަތުގައި އޮއްވައި، ޔޫތު މިނިސްޓަރު އެ ރަށަށް އަރާ ފައިބައިގެން އެ ދިޔައީ ރަށް ފަސާދަކޮށްފައި ކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ އިއްޔެ މަހްލޫފް އެ ރަށަށް ވަޑައިގަތުމަށްފަހު ފުރައިވަޑައިގަންނަވަމުން، ކުރެއްވި ޓްވީޓާ ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެބުނާ ޓްވީޓެއްގައި މަހްލޫފް ވިދާޅުވެފައިވަނީ ސިޔާސީ ފިކުރު ތަފާތުވިޔަސް ރަށު ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށްވާނަމަ މަސައްކަތްތައް ހުއްޓި ލަސްވާނެ، މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެެ.
ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ މަހްލޫފް އެ ރަށަށް ވަޑައިގެންނެވީވެސް ކައުންސިލަށް އަންގަވައިލެއްވުމަކާ ނުލާ ކަމަށާއި ދިޔައިރު ދިޔައީ ރަށުގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދި، ޒުވާނުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ އިބާރާތަކުން ދޮގު ވާހަކަތަކެއް ޓްވީތް ކުރައްވައި އެ ކައުންސިލް ބަދުނާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައި ކަމަށެވެ.
"ފުނަދޫގެ ތަރައްގީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާ ފަރާތަކަށް މި ކައުންސިލުން ދަނީ އެންމެ މަތީ ދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެއީ ވަކި ޕާޓީއެއްގެ ވަކި ސަރުކާރެއް އޮތަތީވެ ކުރަންޖެހޭކަމެއް ނޫންކަމަށާއި އެެއީ ފުނަދޫގެ ރައްޔިތުންނަށްޓަކައި ކައުންސިލުން އަބަދުވެސް އަދާކުރަންޖެހޭ ގާނޫނީ ވާޖިބެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
https://twitter.com/AhmedMahloof/status/1485891975467659264
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މަހްލޫފްގެ މިނިސްޓްރީގެ ދާއިރާއިން ފުނަދޫގައި ކުރަން ފައްޓަވާފައިވާ މަސައްކަތަކީ ފުޓްބޯޅަ ދަނޑު ހެދުން ކަމަށެވެ. އެ މަސައްކަތް ފެށިތާ ތިން އަހަރު ފާއިތުވެގެންދާއިރުވެސް އަދިވެސް ވަނީ ނުނިމި ކަމަށާއި ނުނިމި ލަސްވަނީ ކައުންސިލުން ކުރަންޖެހޭ ކަމެއް ނުކުރެވި އޮވެގެން ނޫންކަމަށް ބުނެފައިވެއެވެ. އެތަނަށް އަޅަން ބޭޏުންވާ ވެލި ހޯއްދަވަން ދަތިފުޅުވާކަން އެނގުމުންވެސް، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކުން، އެތަނަށް ބޭޏުންވާ ހުރިހައި ވެއްޔެއް ފުނަދޫ ރައްޔިތުންގެ ނަމުގައި ހަދިޔާކޮށްފައިވާނެކަންވެސް މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ދެވަނަ ކަމަކީ ވޮލީ ކޯޓެއް އެޅުން، އެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކުރެއްވި ކަމެއް އަދި އަންގަވާފައެއް ނުވޭ، އެކަމުގައިވެސް މިނިސްޓްރީން ނުވަތަ ކޮންޓްރެކްޓަރ އެދިވަޑައިގަތް ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ލިބޭނެ" ނޫސްބަޔާނުގައި ބުނެފައިެވއެވެ.
ފުނަދޫ ކައުންސިލުން ބުނެފައިވަނީ ކަންކަމުގެ ހަގީގަތް އެގޮތަށް އޮއްވައި، މިނިސްޓަރު ކަނޑައެޅިގެްނ އިތުރުފުޅު ހައްދަވައި، ފުނަދޫގެ ރައްޔިތުންނާއި ޒުވާނުންނަށް ހަގީގަތް އޮޅުވައިލައްވަން މަސައްކަތްޕުޅު ކުރެއްވީތީ ހިތާމަކުރާކަމަށެވެ. އަދި މިނިސްޓަރުގެ އެ އަމަލަކީ އެ މަގާމުގެ ހައިބަތާއި ކަރާމާތަށް އުނިކަންލިބޭފަދަ ދަށު ފަންތީގެ އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ ވަޒީރުކަމުގައި ހުންނަވާއިރު މަގާމުގެ ހައްގުގައި ފުނަދޫ ރައްޔިތުންގެ ފަރާތުން ވަޒީރަށް ކުރަން ބޭނުންވާ އިހުތިރާމާ ގަދަރު އެެރުވޭފަދަ ގޮތަަކަށް އަމަލުފުޅުތައް ބެހެއްޓުމަށް އެ ކައުންސިލުން އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް