ޖިނާއީ މައްސަލަތަކުގައި ތަހުގީގީ މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަރުހަލާއާއި ހަމައަށް ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ ކަމާގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަނީ ބައެއް ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލައި، އިދާރާތަކުން ހަދާ ގޯސްތަކުގެ ސަބަބުން ބޮޑެތި ކުށްވެރިން މުޖުތަމަޢުގެ ތެރެއަށް ދޫވެގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި ތަކުރާރުކޮށް އެއްބާވަތެއްގެ އެއް މައްސަލަތަކެއްގައި ކޯޓު މަރުހަލާއިން އެ މައްސަލަތަކުގެ ހެކި އިޖުރާއަތްތަކާ ހިލާފަށް ހޯދުމުގެ ސަބަބުން ނުވަތަ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކުރުމުގެ ސަބަބުން ދައުލަތުން އެތައް ހަރަދެއްކޮށް އެތައް އަހަރެއް ވަންދެން އެތައް ބަޔަކު ތަހުގީގުގައި އެ މައްސަލައިގައި އެތައް ބާވަތެއްގެ މަސައްކަތެއް ކުރުމަށްފަހު މި ދަނީ ސާބިތުނުވެގެން ހަމަ ސިލީ ކުދިކުދި މިސްޓޭކްތަކުގެ ސަބަބުން ކަމުގައެވެ.
މެމްބަރުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ފަސް އިދާރާއެއް ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ހުރިހާ މެންބަރުންގެ އިއްތިފާގުން ކޮމިޓީއަށް ހާޒިރުކުރަން ނިންމި ފަސް އިދާރާ އަކީ ޕްރޮސެކިއުޓާ ޖެނެރަލް މޯލްޑިވްސް، ޕޮލިސް ސާވިސް، ޕޮލިސް ބޯޑުގެ މެމްބަރުން، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޖުޑިޝަލް ސާވިސް ކޮމިޝަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް