އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން ޑރ. ފާތިމަތު ނިޝާން ތައްޔާރުކުރެއްވި ފޮތް "އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުން: ބެލެނެވެރިންނަށް އެހީއެއް"، މި ފޮތް ނެރެދެއްވައިފިއެވެ.
މި ފޮތް ނެރެދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް އަހުމަދުއެވެ.
މި ފޮތަކީ އުނގެނުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއިމެދު ބެލެނެވެރިންނަށް މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ފޮތް ނެރެދެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދަރިވަރުން ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ގިނަވި ކަމަށާއި މި ފޮތުގެ ސަބަބުން ގޭގައި ގިނަ ވަގުތު ތިބޭ ދަރިވަރުންނަށް ޚާއްސަކޮށް ބެލެނެވެރިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އިލްމީ ފޮތްތަށް ނެރެދެއްވުން އެއީ ރަނގަޅުކަމެއްގެ ގޮތުގައި ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.
ޑރ. ފާތިމަތު ނިޝާން ވިދާޅުވީ މި ފޮތް އީ ބުކްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނަށް ހަދިޔާކުރެވި އެ ޑިޕާޓްމަންޓުގެ ވެބްސައިޓުން ހުރިހާ ބެލެނެވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތުން ގޭގައި ގިނަ ވަގުތު ހޭދަކުރާ ދަރިވަރުންނަށާއި ބެލެނެވެރިންނަށް އެހީއަކަށް މި ފޮތް ވެގެންދާނެ ކަމަށް ޑރ. ފާތިމަތު ނިޝާން ވިދާޅުވި އެވެ.
ޑރ. ނިޝާން އިތުރަށް ވިދާޅުވީ، އޮސްޓްރޭލިއާގެ އެވޯޑްސް ސްމޯލް ގްރާންޓްސް ސްކީމްގެ ދަށުން އިތުރު ދެ ފޮތެއް ނެރެން ހަމަޖެހިފައިވާ ކަމަށެވެ. މިއީ އުނގެނުމުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ބެލެނެވެރިންނަށް ދިވެހި ބަހުން ލިޔެ އުފެއްދުނު ފުރަތަމަ ފޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް