ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ. އެ ކައުންސިލްގެ އާ ދައުރަކަށް މެމްބަރު...

26 Jan 2022 | 08:36

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެ ކައުންސިލްގެ އާ ދައުރަކަށް މެމްބަރުން އިންތިހާބުކުރަން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

ތިންވަނަ ދައުރަކަށް މެމްބަރުން އިންތިހާބުކުރަން ހަމަޖެހިފައިވާއިރު، ޖެންޑާ މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، އެއަށް އަމަލުކުރަން ފަށައިފަ އެވެ. ހާއްސަ ގަވާއިދެއިގެ ދަށުން މި އިންތިހާބު ބާއްވާމިއީ ފުރަތަމަފަހަރެވެ.

ޖުމްލަ ހަތް މެމްބަރުން ތިބޭއިރު، ތެރެއިން އިންތިހާބުކޮށްގެން ހޮވަނީ ފަސް ދާއިރާއަކުން، ނުކުޅެދޭ މީހުން ތަމްސީލުކުރާނެ މެމްބަރުންތިބޭނެއެވެ. އެއީ؛

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރީންގެ ތެރެއިން ނުވަތަ ބަލަދުވެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތް ދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް.

- ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

މި ފަސް ދާއިރާއިން ކުރިމަތިލާން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައި، ޝަރުތުތައް ވެސް ވަނީ އިއުލާނުގައި ހިމަނައިފަ އެވެ. އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ވޯޓުލާ މީހުންގެ ދަފުތަރެއް ޖެންޑާ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ އެވެ.

މި ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް