ކޮމަންޑޫ ދާއިރާއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ދާއިރާއަކަށް ހަދައިދޭނަން: ޙަންނާނު

ކޮމަންޑޫ ދާއިރާއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ދާއިރާއަކަށް ހަދައިދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކޮމަނޑު ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ ކެންޑިޑޭޓް އަ...

26 Jan 2022 | 04:23

ކޮމަންޑޫ ދާއިރާއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ދާއިރާއަކަށް ހަދައިދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކޮމަނޑު ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ "މަޖިލިސް ބަހުސް"ގައި ވާހަކަ ދައްކަވަމުންނެވެ.

ޙަންނާނު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވައިދެއްވައިފިނަމަ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އޭނާ ކުރިމަތިލެއްވީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

މީގެ އިތުރުން އޭނާއަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދެއްވައިފިނަމަ އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޙަންނާނު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި 32 އަހަރު ޚިދުމަތްކުރައްވާފައިވާ ޙަންނާނު ވިދާޅުވީ އޭނާއަކީ ކޮމަންޑޫ ދާއިރާއަށް އެންމެ ގާބިލު ކެންޑިޑޭޓް ކަމަށެވެ.

ޙަންނާނުގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ޜާޝިދު (ރާޑޯ) އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމްއެވެ. މި ތިން ބޭފުޅުން ވެސް ވަނީ ބަހުސްގައި ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް