މީގެ ކުރީ ސަރުކާރުތަކުން ކޮމަންޑޫ ދާއިރާ އޮތީ އެކަހެރިކޮށްފައި ކަމަށް އެ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދިން "މަޖިލިސް ބަހުސް" ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާ ތަރައްގީކުރަން މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށާއި އެގޮތުން ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފަދަ ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް އެ ދާއިރާގައި ކުރިއަށްދާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
"އެމްޑީޕީއަކީ ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އުފައްދަން އައި ޕާޓީއެއް. ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކު ކަމުގައި އަޅުގަނޑު އަބަދުވެސް ވާނެ. އަޅުގަނޑު މަޖިލީހުގެ ގޮނޑީގައި އިންނައިރު އަޅުގަނޑުމެންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގާނަމަ އަޅުގަނޑު އެ ގޮނޑިއަކު ނީންނާނަން. އެކަން އިސްލާހު ނުކުރެވިއްޖެނަމަ އަޅުގަނޑު އިސްތިއުފާދޭނަން،" ރާޝިދު ވިދާޅުވިއެވެ.
އޭނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ އެ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ހުސައިން ވަހީދު ކުރެއްވި މަސައްކަތްތައް ކުރިއަށްގެންދަވަން ކަމަށާއި ސަރުކާރާ ގުޅިގެން ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެސްދެވޭނީ އޭނާއަށް ވޯޓުލައިގެން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަންނަ ފެބްރުވަރީ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމުން މޫސާ ފަތުހީ އާދަމް އާއި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާން އިދުރީސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް