އިނގިރޭސި "ޓްރެޒަރ ހަންޓަރަކު" ރާއްޖޭގެ އައްސޭރިން ހޯދި 32 މިލިޔަން ޕައުންޑްގެ އަގުހުރި ރިހި ފޮތިތަކެއްގެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 67 އަހަރުގެ ރޮސް ހަޔާތު ރާއްޖޭގެ އައްސޭރި ފަށުން ހޯދީ ރިހި ފޮތި ތަކެކެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިންޑިއާއިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ "އެސްއެސް ތިލާވާ" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ދިޔަ ސަރަހައްދަކުން އޭނާ އަދި އޭނާގެ ޓީމުން ހޯދި ރިހި ފޮތި ތަކެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
1942ގައި ފެތުނު އެ ބޯޓު ފެތެން މެދުވެރިވި ސަބަބަކީ ޖަޕާނުގެ ޓޯޕީޑޯ ހަމަލާއެއް ކަމަށާއި އެ ބޯޓު ފެތުނުއިރު އޭގައި 954 މީހަކު ތިބި ކަމަށާއި އޭގެން ބަޔަކު ސަލާމަތްވި ކަމަށްވެސް ބުނެފައިވެއެވެ.
ރޮސް ހަޔާތު އޭނާގެ ޓީމާއެކު ކުރި މަސައްކަތުން މި ރިހި ފޮތިތައް ހޯދާ ފެންމަތިކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ނަމަވެސް މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ ދެކުނު އެފްރިކާއިން އެ ރިހި ފޮތިތައް ހޯދަން ދައުވާ ކުރުމުގެ މައްސަލައެވެ.
ދެކުނު އެފްރިކާއިން ބުނާގޮތުގައި ރިހި އެ ފޮތިތަކަކީ އިންޑިއާއިން ގަނެގެން، އެ ގައުމަށް ގެންދަން އުޅުނު ރިހި ފޮތިތަކެކެވެ. އެ ރިހި ފޮތިތަކަކީ ފައިސާ ތައްޔާރުކުރުމަށް ގެންދަން އުޅުނު ރިހި ފޮތިތަކެކެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުގެ ފަތްފުއްތަކުގައި އަދިވެސް ހުންނާނެ ކަމަށް ދެކުނު އެފްރިކާގެ ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް