ކޮޅުފުށީގައި ކޯވިޑް ކްލަސްޓާއެއް، ނުވަ މީހުން ޕޮސިޓިވް

މ. ކޮޅުފުށިން ނުވަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް އެމަޖެންސީ އޮޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެމީހުންނަކީ އެ ރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި ނ...

26 Jan 2021 | 14:47

މ. ކޮޅުފުށިން ނުވަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެމީހުންނަކީ އެ ރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި ނުވަ މީހުން ކަމަށެވެ. ރެންޑަމް ސާމްޕަލްގެ ގޮތުގައި ކޮޅުފުށިން 105 ސާމްޕަލެއް މިހާތަނަށް ނަގައި ޓެސްޓުކޮށްފައިވެ އެވެ.

ރެންޑަމް ސާމްޕަލް ނަގަން ފެށީ ކޮޅުފުށިން މާލެ އައި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމުންނެވެ. އެޗްއީއޯސީން ބުނީ އެ މީހާ ބައްޔަށް ޕޮސިޓިވްކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓު ކުރުމުންނެވެ.

މި ކޭސްއާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮޅުފުށީގެ އިތުރުން މާލެ އައި މީހަކު ޕޮސިޓިވްވެގެން އއ. ތޮއްޑޫވެސް މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އަދި އެ ރަށުގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ކުރިޔަށް އެބަދެ އެވެ.

މި ދެރަށުގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތީ ގއ. ދެއްވަދޫ އާއި ދާންދޫ އެވެ. އެ ދެ ރަށުގައި ޕޮސިޓިވްވެފައިވާ މީހުން ހިމެނޭ ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 83 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް