ރައްޔިތުންގެ މަޖިލީހުން މިއަހަރު އަލަށް ދެ ހިދުމަތް ފަށަން އުޅޭ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މަޖިލީހުން އަލަށް ދެ ހިދުމަތެއްފަށަން އުޅޭކަން ހާމަ ކުރީ މަޖިލީހުގެ ރަސްމީ ޓިކްޓޮކް އެކައުންޓުގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި އެވެ. އެ ވީޑިއޯގައި އެ މައުލޫމާތު ހާމަ ކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ ވީޑިއޯއިން ފެންނަނީ މަޖިލީހުގެ ރައީސް އެއްޗެއް ލިޔުއްވަން އިންނެވުމަށް ފަހު އަމީން އާންމު ފާތިމަތު ނިއުޝާ އާއި އެކު ހިންގާފަ ވަޑައިގެންނަވާތަނެވެ. ދެން ވަދެވަޑައިގެންނަވަނީ މަޖިލީހުގެ ލައިބްރަރީއަށެވެ.
އެތަނަށް ވަދެވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މިއަހަރު މަޖިލީސް ހުޅުވަން ބާއްވާ ޖަލްސާއަށް ފަހު މަޖިލީހުގެ ލައިބްރަރީ އާއި ޑިޖިޓަލް އާކައިވް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވާނެ ކަމަށެވެ. އަދި އެއީ މަޖިލީހުން ރަސްމީކޮށް ފަށާ ހިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ އާންމުންނަށް ކުރިން ނޭނގޭ މި ލައިބްރަރީގައި މަޖިލީހާއި ގުޅޭ ވަރަށް ގިނަ މުސްކުޅި ލިޔުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޒަމާނުންސުރެ ލިޔަމުން އައި ޖަލްސާތަކުގެ ޔައުމިއްޔާތައް ހިމެނޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ލައިބަރްރީން މަޖިލީހުގައި ކަން ހިނގަމުން ދިޔަ ގޮތް ވަރަށް ރަނގަޅަށް ފެންނަން އެބަހުރި ކަމަށެވެ. އަދި ކުރިން ފެށިގެން އަމަލު ކުރެވެމުން އައި ގާނޫނުތައް ފެންނަން އެބަ ހުރި ކަމަށެވެ.
މަޖިލިސް އިދާރާ ޓިކްޓޮކާއި ގުޅުނީ އިއްޔެ އެވެ. މަޖިލީހުގެ ޓިކްޓޮކް އެކައުންޓު ވެރިފައި ކޮށްފައިވާއިރު އެ ކައުންޓު އެއް ދުވަސްތެރޭގައި 1،000 އަށްވުރެ ގިނަ މީހުން ވަނީ ފޮލޯ ކުރަން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް