ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން މިމަހުގެ 29 ވާ ހުކުރު ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އީސީން މިއަދު ވަނީ އިއުލާނުކޮށްފައި އެވެ. މިދިޔަ އަހަރުގެ އޭޕްރިލް ހަތަރު ވަނަ ދުވަހަށް ތާވަލު ކުރި އިންތިހާބު ފަސް ކުރަން ޖެހުމުން ސަސްޕެންޑު ކުރި އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން ވަނީ އަލުން ވަޒީފާއަށް ނެރެފައި އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބު ބާއްވާނެ އާ ތާރީހު މިއަދު ކަނޑައެޅުމާއި އެކު އަންނަ ހުކުރު ދުވަހުން ފެށިގެން ސިވިލް ސާވަންޓުން މަގާމުން ސަސްޕެންޑު ވާނެ ކަމަށެވެ. ހަބީބު ވިދާޅުވީ އެ ދުވަސް ކަނޑައަޅާފައިވަނީ މިދިޔަ އަހަރު ފާސްކުރި ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނުގެ ހަ ވަނަ މާއްދާގެ ރ. ގެދަށުން ކަމަށެވެ.
އިންތިހާބު ފަސް ކުރަން ޖެހުމުން ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލީވެސް މި ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއި އެކު އެވެ.
ކައުންސިލް އިންތިހާބު ބާއްވާނެ ދުވަސް ކަނޑައަޅައި އިންތިހާބު ބޭއްވުމުގެ މަސައްޖަތް ފަށާފައި މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުންނެވެ. މި އިސްލާހު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 21 ވަަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް