މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ބްރޯޑްކޮމްއިން ގޮވާލައިފި

މައުލޫމާތު ހޯދައި ލިބިގަތުމުގައި ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ. ބްރޯޑް ކޮމްއިން ކ...

26 Jan 2021 | 10:26

މައުލޫމާތު ހޯދައި ލިބިގަތުމުގައި ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ.

ބްރޯޑް ކޮމްއިން ކުއްލި ގޮތަކަށް މިހެން ގޮވާލައި ސާކިއުލާއެއް ނެރުނު ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބްރޯޑްކޮމްއިން މިގޮތަށް ގޮވާލާފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި އިވެންޓަކަށް ވަކި މީޑިއާތަކަކަށް ދައުވަތުދިން މައްސަލައިގަ ނޫސްވެރިން ނުރުހުން ފާޅު ކޮށްފައި ވަނިކޮށެވެ.

ބްރޯޑްކޮމްއިން ނެރެނު ސާކިއުލާއެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، ސަރުކާރުގެ އިދާރާތަކުން ބާއްވާ ހަރަކާތްތައް ކަވަރުކުރަން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު އެއް އަސާސް ކަމަށް ބުނެފައިވެ އެވެ.

ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނިއުސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރަން ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ އެކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައި ވެ އެވެ.

އެ ކޮމިޝަނުން ބުނީ އާއްމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުން ފާހަގަ ކުރާ ކަމަށެވެ.

ހެލްތް މިނިސްޓްރީން އާދިއްތަ ދުވަހު ބޭއްވި އިވެންޓުގައި ބައިވެރިވާނެ ނޫސްވެރިންގެ މައުލޫމާތު މީޑިއާތައް މެދުވެރިކޮށް ހެލްތް މިނިސްޓްރީން ހޯދާފައިވެ އެވެ. އެކަމަކު އެ އިވެންޓަށް ދައުވަތުދީގެން ގެންގޮސްފައިވަނީ ޕީއެސްއެމް އާއި ރާއްޖެ ޓީވީ އެކަންޏެވެ.

މި މައްސަލައިގަ އެ މިނިސްޓްރީގެ ވައިބާ މީޑިއާ ގްރޫޕުގައި ގިނަ ނޫސްވެރިންތަކެއް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. އެކަމަކު ކަމާއި ގުޅޭގޮތުން މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް