ކޯވިޑްގައި މަރުވާ މީހުން އެންދުން އިންސާނީ ހައްގުތަކާއި ހިލާފު: އދ

ކޯވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުން އިންސާނީ ހައްގުތަކާއި ހިލާފު އަމަލެއް ކަމަށް އދ. އިން ބުނެފި އެވެ. އދ. އިން އެހެން ބުނެފައިވަނީ ކޯވިޑް ޖެހިގެން މަރުވާ މީހުން އެންދުން ނޫން ގޮތެއް ނޫން ކަމަށް...

26 Jan 2021 | 09:35

ކޯވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުން އިންސާނީ ހައްގުތަކާއި ހިލާފު އަމަލެއް ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން އެހެން ބުނެފައިވަނީ ކޯވިޑް ޖެހިގެން މަރުވާ މީހުން އެންދުން ނޫން ގޮތެއް ނޫން ކަމަށް ބުނެ ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންނާއި ކްރިސްޓިއަނުން އަންދާ މައްސަލައިގަ އެ ދެ ދީނަށް ތަބާވާ އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ މާހިރުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާ ސަރުކާރުގެ މި އަމަލުގެ ސަބަބުން އެގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން ސިއްހީ ފަރުވާ ހޯދަން ފަސްޖެހޭނެ ކަމަށެވެ. އަދި ލަންކާ ސަރުކާރުގެ މި އަމަލަކީ މިހާރުވެސް މުޖުތަމައުގައި ހިނގަމުންދާ ހަމަނުޖެހުމާއި ތަފާތު ކުރުންތަކަށް ހިތްވަރު ލިބިގެން ގޮސްދާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މަރުވެފައިވާ މީހުން ވަޅުލުމަކީ ކޯވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ދޭހަވާ އެއްވެސް މެޑިކަލް ނުވަތަ ސައިންޓިފިކް ހެއްކެއް ލަންކާއިންވެސް އެހެން ގައުމަކުން ވެސް ފެނިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، ލަންކާގެ ސަރުކާރުން އެކުލަވާލި ކޯވިޑާ ގުޅުން ހުރި މާހިރުންގެ ޓީމަކުން ލަފާ ދިނީ ބަލީގައި މަރުވާ މީހުން އެންދުމަށް ނުވަތަ ވަޅުލުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އަމަލު ކުރީ އެ ލަފަޔާ ހިލާފަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

މާހިރުންގެ އެ ބަޔާނުގައި ބުނެފައިވަނީ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މީހުން އެގައުމުގައި ވަޅުލެވޭނެ ގޮތާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓު އާއްމު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެހެން ގައުމެއްގައި މީހުން ވަޅުލުމަށް ގެންގުޅޭ ހިޔާލު ދޫކޮށްލާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ލަންކާއިން ވަނީ ކޯވިޑް ޖެހިގެން މަރުވާ އެ ގައުމުގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކޮށްފައި އެވެ. އެކަމަކު އެ ވާހަކަތައް ވަނީ މިހާރު އޮބިފައި އެވެ. އަދި ލަންކާ ސަރުކާރުން ވަނީ އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ބުނެފައި އެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ލަންކާ އާއި އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް