ރާއްޖެއަށް ބަނގުރާ އެތެރެ ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައި، ބަނގުރަލާއި ގުޅޭ ގާނޫނެއް ތައްޔާރު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ކަސްޓަމްސް ޑޭގެ މުނާސަބަތުގައި މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، މަސްތުވާތަކެއްޗާއި ބެހޭގޮތުން އަބަދުތައް ކަނޑައެޅިފައިވާ ގާނޫނުގައި ބަނގުރަލުގެ ވަހަކަ ނެތުމުން އަބަދު ކަނޑައެޅުމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ގާނޫނުގައި އިސްކަންދޭނީ ބަނގުރާ ކޮންޓްރޯޯލް ކުރުމަށް ކަމަށާއި ބަނގުރާ އާންމުވެފައިވާ މިންވަރަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އަޒްލީން ވިދާޅުވީ އަންނަ މަހު ފެށޭ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެ ގާނޫނަކަށް ހެދުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"އިސްލާމް ދީނުގައި މަސްތުވާތަކެތީގެ ގޮތުގައި އޮންނަނީ ހަމައެކަނި ހިކި އެއްޗިއްސެއް ނޫން. މަސްތުވާ ކޮންމެ އެއްޗަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް. އެހެންވީމާ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި ބަނގުރާ އަޅުގަނޑުމެންގެ މުޖުތަމައު ތެރެއިން ފެނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރެވޭ ބަންގުރާ އަތުލައިގަތުމުގައި ކަސްޓަމްސްއިން އިސްދައުރެއް އަދާކޮށް ކުރިއެރުންތަކެއް ހޯދަމުން ދާ ކަމަށެވެ. އެގޮތުން 23،000 ށް ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ވަރަށް ފަހުން އެއާޕޯޓްގައި ސްކޭން އޮޑިޓެއް ހަދާފައިވާ ކަމަށާއި އެ އޮޑިޓުން އެއާޕޯޓުން ބަނގުރާ އެތެރެކުރެވިދާނެ "ލޫޕްހޯލްސް"ތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ލޫޕްހޯލްސްތައް މިހާރު ބަންދުކުރެވި ހައްލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓްގެ އިތުރުން ސީޕޯޓްތަކުގައި ވެސް އޮޑިޓެއްކޮށް ބަނގުރާ އެތެރެކުރެވިދާނެ ގޮތްތައް ދެނެގަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ބޮޑެތި ކޮންޓެއިނާތައް ސްކޭން ނުކޮށް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް