ހުޅުމާލޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު ސްކޫލްގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކޮށްފި

ހުޅުމާލޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު އަދި ހަތަރުވަނަ ސްކޫލްގެ ކޮންސްޓްރަކްޝަން މަސައްކަތް މިއަދު އަމީން ކޮންސްޓްރަކްޝަން އާއި ހަވާލު ކޮށްފިއެވެ. އަމީން ކޮންސްޓްރަކްޝަން އާއި އެކު، މިކަމާއި ގުޅިގެނ...

26 Jan 2017 | 08:37

ހުޅުމާލޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު އަދި ހަތަރުވަނަ ސްކޫލްގެ ކޮންސްޓްރަކްޝަން މަސައްކަތް މިއަދު އަމީން ކޮންސްޓްރަކްޝަން އާއި ހަވާލު ކޮށްފިއެވެ.

އަމީން ކޮންސްޓްރަކްޝަން އާއި އެކު، މިކަމާއި ގުޅިގެން މިއަދު ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހެޑް އޮފީހުގައި ބޭއްވުނު އެއްބަސްވުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން އެވެ. އަދި އަމީން ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ މުޙައްމަދު އެވެ.

ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމު ހާސިލް ކުރެވޭނެ މިސްކޫލް ހެދުމަށް ކަނޑައަޅާފައިވާ އަގަކީ 132 މިލިއަން ރުފިޔާއެވެ. އަދި ސްކޫލް ގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމުމަށް ދީފައިވާ މުއްދަތަކީ 14 މަސް ދުވަހެވެ.

މިސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ ލިޓްލް ޖެމްސް ޕްރީސްކޫލާއި ހުޅުމާލެ ކޮމިނިޓީ ސެންޓަރާއި ޖެހިގެންނެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެޗްޑީސީ ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ

"މިއަދު ހވާލު ކުރެވުނު މަސައްކަތަކީ ހުޅުމާލެ ނެއިބާހުޑް-1 ގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލުގެ ކޮންސްޓްރަކްޝަން މަސައްކަތް" ކަމަށާއި "މިސްކޫލުގައި މުޅިއަކު 1680 ދަރިވަރުންނަށް (އެއީ ޕްރައިމަރީ އަދި ސެކަންޑަރީ ތަޢުލީމު) ހާސިލް ކުރެވޭނެ" ކަމަށެވެ.

މީގެ އިތުރުން ސައިމަން ވިދާޅުވީ މިސްކޫލުގައި 50 ކުލާސްރޫމް ހިމެނޭނެ ކަމަށާއި ތިން ބްލޮކަށް ބެހިފައިވާ މިސްކޫލަކީ ހަތް ބުރީގެ އިމާރާތެއް ކަމަށެވެ.

ސްކޫލުގައި ދެ ލިފްޓު ހިމެނޭއިރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދޭ ދެ ކުލާސްރޫމް ހިމެނެއެވެ. އަދި މީގެ އިތުރުން ފުރޮޅުލީ ގޮނޑިގައި ހަތްވަނަ ބުރިއާއި ހަމަޔަށް ފަސޭހައިން އެރޭނެ ފަދަ އިންތިޒާމާއި އެއް ބްލޮކުން އަނެއް ބްލޮކަށް ފަސޭހައިން ދެވޭނެ ފަދަ ގޮތަށް ގުޅުވާލެވިފައިވާ ކޮރިޑޯ ތަކެއްވެސް ހިމެނޭނެ ކަމަށް އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައަކަށް ރޭވުނު ގޮތެއް ކަމަށާއި، މިއީ ދިވެހި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް