އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭ: ދައުލަތުގެ ވަކީލާ

ކުރިން މިމަހު ބާއްވަން ހަމަ ޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރުމުން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ...

26 Jan 2017 | 08:00

ކުރިން މިމަހު ބާއްވަން ހަމަ ޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރުމުން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގަ މިއަދު ވަނީ ފުރަތަމަ އަޑުއެހުން ކުރިޔަށް ގެންގޮސްފައި އެވެ. އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އިންތިހާބީ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ އެ މައްސަލައަކާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެ މައްސަލަ އީސީއަށް ހުށަހެޅުމަށް ފަހު ދޭ ޖަވާބަކުން ކަމަށެވެ. ވަކީލާ ވިދާޅުވީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާއިރު އެމްޑިޕީން އެ ގާނޫނާއި އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި މި މައްސަލައިގަ އީސީގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނާއިބު އޮފީހުގެ ވަކީލުންނެވެ. ވަކީލާ ވަނީ އެ މައްސަލަ އަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި އެވެ.

ދައުލަތުގެ ވަކީލާގެ އިތުރުން ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ ބ. އޮތްގޮތުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް އޮތް ކަން ގަބޫލުކުރަންތޯ އެމްޑީޕީގެ ވަކީލާ ސުވާލު ކުރައްވައިފަ އެވެ.

އެ މާއްދާގެ ބ. ގައި ވަނީ ކެންޑިޑޭސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެ ނޫން ކަމަކާ ގުޅޭގޮތުން ނަމަ ހައި ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭނީ ހައި ކޯޓަށް ކަމަށެވެ.

ޖަވާބުދާރީވަމުން އެމްޑީޕީގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވަނީ އެ ނުކުތާ އަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ފުރުސަތު އެޕާޓީއަށް ދީފައެވެ.

ޕީޕީއެމްއަށް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭތީ ސިވިލް ކޯޓުން ވަނީ އިންތިހާބު ދެ މަހަށް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި އެވެ. ދެން އިންތިހާބު އޮންނާނީ އަންނަ އެޕްރިލް އަށެއްގައި ކަމަށް އީސީން ވަނީ ފަހުން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް