ޝާރުކް ހާން އާއި ޖެހުމުން ރިތިކް އަށް ކުރިއެއް ނުލިބުނު

ޝާރުކް ހާން ލީޑްރޯލް ކުޅެފައިވާ "ރައީސް" އާއި ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ "ކާބިލް" ރިލީޒް ކުރީ އެއް ދުވަހެއްގައި އިއްޔެ އެވެ. ރިލީޒް ކުރާ ތާރީހު އެއް ދުވަހަކަށް ވުމުން ކޮންމެސް ވަރަކަށް ހިތްހަމ...

26 Jan 2017 | 07:48

ޝާރުކް ހާން ލީޑްރޯލް ކުޅެފައިވާ "ރައީސް" އާއި ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ "ކާބިލް" ރިލީޒް ކުރީ އެއް ދުވަހެއްގައި އިއްޔެ އެވެ.

ރިލީޒް ކުރާ ތާރީހު އެއް ދުވަހަކަށް ވުމުން ކޮންމެސް ވަރަކަށް ހިތްހަމަ ނުޖެހުންތައް އުފެދުނެވެ. ބޮޑަށް އެކަމާ ހިތްހަމަ ނުޖެހި ވާހަކަދެއްކީ ރިތިކް އެވެ. ރިތިކް ބުނީ ތާރީހު އެއްދުވަހަކަށް ވުމަކީ އެމީހުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި "ރައީސް" ރިލީޒް ކުރާ ތާރީހު މީގެ ކުރިންވެސް ބަދަލުކޮށްފައިވާތީ ރިތިކް ވަނީ ވަރަށް ބޮޑަށް ފަޑު ކިޔާފައި އެވެ.

ހިތްހަމަ ނުޖެހުންތައް އެހެން ހުއްޓަ އެއް ދުވަހާ ފިލްމު ރިލީޒް ކުރެވިގެންދިޔަ އިރު ރިލީޒް ކުރީވެސް އެއް ގަޑިއެއްގައި އެވެ. "ކާބިލް" ހަވީރު ރިލީޒް ކުރާތީ ޝާރުކްގެ ފިލްމު ރިލީޒް ކުރުން ހެދުނަށް ބަދަލު ކުރުމުން ރިތިކް މެންވަނީ ފަހުން ހެނދުނަށް އެމީހުންގެ ފިލްމު ރިލީޒް ކުރުންވެސް ބަދަލުކޮށްފައި އެވެ.

ފުރަތަމަ ދުވަހު ދެ ފިލްމަށް ލިބުނު އާމްދަނީއަށް ބަލާއި "ރައީސް ވަނީ ބޮޑު ތަފާތަކުން ކުރި ހޯދާފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަމައެކަނި އިންޑިއާއިން "ރައީސް" އަށް 21 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު ފައިދާއެއް ވިއެވެ. "ކާބިލް" އަށް ލިބުނީ 7.5 ކްރޯޑް ރުޕީސް އެވެ. މިއަދަކީ އިންޑިއާގެ ޖުމްހޫރީ ދުވަސްކަމަށްވުމުން ދެ ފިލްމުވެސް އެހާ ހިނގާނެ ކަމަށް ނުބެލެވޭއިރު ކުރިޔަށް އޮތްތާ ބޮޑު ކާމިޔާބީއެއް ފިލްމު "ރައީީސް ހޯދާނެ ކަމަށް ބެލެވެ އެވެ.

އެހެން ބައެއް ގައުމުތަކުގައި ވެސް ކުރީގައި އުޅެނީ "ރައީސް" އެވެ. އޮސްޓްރޭލިއާއިން "ރައީސް" އަށް އެއްލައްކަ 37 ހާސް އެމެރިކާ ޑޮލަރު ލިބުނު އިރު "ކާބިލް" އަށް ލިބުނީ 26 ހާސް ޑޮލަރެވެ. ނިއުޒިލޭންޑުން "ރައީސް އަށް 16 ހާސް ޑޮލަރު ލިބުނު އިރު "ކާބިލް" އަށް ލިބުނީ ތިން ހާސް ޑޮލަރެވެ. އިނގިރޭސިވިލާތުގައި ފިލްމު ރިލީޒްކޮށްގެން ފުރަތަމަ ދުވަހު "ރައީސް" އަށް އެއްލައްކަ އަށް ހާސް ޑޮލަރު ލިބުނު އިރު "ކާބިލް" އަށް ލިބުނީ 26 ހާސް ޑޮލަރެވެ.

ފިލްމު "ރައީސް" އިން ފެނިގެން ދަނީ ރަލުގެ ވިޔަފާރީގައި މަޝްހޫރު މީހެއްގެ ވާހަކަ އެކެވެ. އެ ވިޔަފާރިވެރިއަކީ ޝާރުކް ހާން އެވެ. ދެން އޭނާ އާއި އެކު ލީޑް ރޯލް ކުޅޭ ޕާކިސްތާނުގެ ތަރި މާހިރާ ހާން އަކީ އެ ފިލްމުގައި ޝާރުކްގެ އަންހެނުންނެވެ.

"ކާބިލް" އިން ފެނިގެން ދަނީ ލޯފަން ދެމީހެއްގެ ލޯބީގެ ހަޔާތުގައި ދިމާވާ ކަންކަމެވެ. އެ ފިލްމުގައި ރިތިކް ރޯޝަން އާއި ފިލްމުގެ ބަތަލާ ޔާމީ ގޯތަމް އަކީވެސް ލޯފަން ދެމީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް