ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ސަޢޫދީޢަރަބިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅަކީ، ސަޢޫދީޢަރަބިޔާގެ ކުރީގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ސަޢޫދީޢަރަބިޔާގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. ސަޢޫދީޢަރަބިޔާގެ ރިޔާޒްގައި އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ސަޢޫދީޢަރަބިޔާގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެ، ސަޢޫދީޢަރަބިޔާގެ ރަސްކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް