ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ރާއްޖެ އާއި ކިއުބާއާއި ދެމެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެ އާއި ކިއުބާއާ ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ‏‏ބެހޭގޮތުން މަޝްވަރާކޮށްފި އެވެ. މިމަޝްވަރާތައް އޮތީ ކިއުބާ ސަރުކ...

26 Jan 2015 | 07:44

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެ އާއި ކިއުބާއާ ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ‏‏ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

މިމަޝްވަރާތައް އޮތީ ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފްލޮރެންޓީނޯ ބަޓިސްޓާ ‏‏ގޮންޒާލޭޒް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށް އެރުއްވުމަށް މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކިއުބާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏އެގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަަމަށެވެ. ހާއްސަކޮށް ސިއްހީ އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

‏މީގެ އިތުރަށް ކުދި ގައުމުތަކުގެ ހައިސިއްޔަތުންް ދިވެހިރާއްޖެއާއި ކިއުބާއަކީ ތިމާވެށީގެ ‏‏ގޮތުންނާއި، ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި ވަރަށް އެއްގޮތް ގޮންޖެހުންތަކެއް ދިމާވެފައިވާ ‏‏ދެ ގައުމުކަން ދެބޭފުޅުންގެ މަޝްވަރާތަކުގައި ފާހަަގަކުރެއްވި އެވެ. އެގޮތުން އިންސާނީ ހައްގުތައް ‏‏ހިމާޔަތްކުރުމަށާއި، ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ‏‏ސަމާލުކަމަށް ގެނައުމަށްޓަކައި ދިވެހިރާއްޖެއިން އަދާކުރާ މުހިއްމު ރޯލު ފާހަގަކުރައްވައި، ‏‏އެކަމަށްޓަކައި ކިއުބާގެ ސަފީރު ދިވެހި ސަރުކާރަށް ތައުރީފުކުރެއްވި ކަމުގައިވެސް ރައީސް އޮފީހުން ބުނެ އެވެ.

‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި މިނިސްޓަ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ‏‏‏ބައިވެރިވެވަޑައިގެންނެވި އެވެ.‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް