މިދިޔަ އަހަރުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އިންސައްތަ އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމުކުރި، މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް ވަނީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 3.9 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރު ކެބްރިޖް އޯލެވެލް އިމްތިހާނުގައި ފަސް މާއްދާ އިން 46.9 އިންސައްތަ ކުދިން ފާސްފެވަފައިވާއިރު އޭގެ ކުރީ އަހަރު ފަސް މާއްދާ އިން ފާސްވީ 43 އިންސައްތަ ކުދިންނެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ޔޫ ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް އުޅެނީ 11 އިންސައްތައިގައި އެވެ. އެއީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ. ދެ ހާސް ތޭރަ ވަނަ އަހަރުގެ ސާނަވީ އިމްތިހާނުން ޔޫ ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތަކީ 11.8 އިންސައްތަ އެވެ.
އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައިގެ ހިމެނުނު ދަރިވަރުންގެ އަދަދަކީ 479 ކެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު އެންމެ ކުްޖެއް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ރާއްޖޭގެ 194 ސެންޓަރުން 7202 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ ސްކޫލްތަކުން ބައިވެރިވި 5643 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 1559 ކެންޑިޑޭޓުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، ނަތީޖާތައް ރީޗެކް ކުރުމަށް ފަހު ދާއިމީ ނަތީޖާ ނެރޭއިރު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް