ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގާ ދައުވާކުރުމާއިމެދު މަޝްވަރާތައް ފަށައިފީމު: އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގާ ދައުވާކުރުމާއިމެދު މަޝްވަރާތައް ފަށާފައިވާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. ...

25 Dec 2024 | 16:12

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގާ ދައުވާކުރުމާއިމެދު މަޝްވަރާތައް ފަށާފައިވާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް، އެ މައްސަލައިގައި ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު، ރަސްމީކޮށް އޭސީސީއިން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާކަމަށެވެ.

"އާއްމު މަސްލަހަތު ބޮޑު މި މައްސަލައިގެ، ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިންމައި، ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް މި ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ" އޭސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޑިއުޓީ ޕްރޮސިކިއުޝަންއަކީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާތަކުން، ދަޢުވާކޮށްދިނުމަށް ހުށަހަޅާ މައްސަލަތައް ޕީޖީ އޮފީހަށް ބަލައިގަތުމުގެ ކުރިން، ކުރިއަށް ގެންދެވޭ މަރުޙަލާއެކެވެ. ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފު ކުރުމުގެ ކުރިން ޕީޖީ އޮފީހަށް މައްސަލައެއް ހުށަހެޅުމުން މައްސަލަ ބަލައިގަނެއެވެ. ދިރާސާކުރަނީ އެއަށްފަހުގައެވެ. ދިރާސާކުރުމަށްފަހު، އިސްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރިނަމަ، އިސްލާޙްކުރުމަށް ހުރި ކަންކަން ފާހަގަކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވަނީއެވެ. މިގޮތަށް މަޝްވަރާކުރުމާ ނުލައި ސިޓީބިޓީން މައްސަލަތައް ބަލައިގަނެ، އިދާރާތަކުގެ މެދުގައި ބަދަލުކުރުމަށް އެތައް ވަގުތެއް ހޭދަވެ، މައްސަލަތައް ދިގުލައިގެންދެއެވެ. ޑިއުޓީ ޕްރޮސިކިއުޝަންއަކީ އެކަން ޙައްލުކުރުމަށް ތަޢާރަފުކުރި ނިޒާމެކެވެ. ތަޙުޤީޤުތައް ހިނގަމުންދާ ވަރަކަށް، "ޑިއުޓީ" އަށް މަޝްވަރާ ކުރުމަށް ގެންނާނެއެވެ. މައްސަލަ ރަސްމީކޮށް ހުށަހަޅާނީ، "ޑިއުޓީ" މަރްޙަލާ ނިމި، ޕީޖީއިން ފިޔަވަޅެއް އެޅޭ މިންވަރަށް މައްސަލައިގެ ތަޙުޤީޤު ފުރިހަމަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް