ރޯލީމޭ: ލޯބީގެ އާ ސީރީޒްއެއް މީޑިއާނެޓަށް

ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ރޯލީމޭ" މި މަހުގެ 30ވަނަ މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެއެވެ. މި ސީރީޒް ޕްރިމިއަރ ކުރާ ދުވަސް އަދި ސީރީޒްގެ ޕ...

25 Dec 2024 | 10:33

ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ރޯލީމޭ" މި މަހުގެ 30ވަނަ މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެއެވެ.

މި ސީރީޒް ޕްރިމިއަރ ކުރާ ދުވަސް އަދި ސީރީޒްގެ ޕޯސްޓަރުވަނީ މީޑިއާނެޓުގެ ވީޑިއޯކްލަބް މީސްމީޑިއާ ޕްލެޓްފޯމުތަކުގައި އިއްޔެ ޕޯސްޓުކޮށްފައެވެ.

މި ސީރީޒްއަކީ މީޑިއާނެޓް އޮރިޖިނަލްސް ބެނަރގެ ދަށުން ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ ޑާރކް ރެއިން އެންޓަޓެއިންމަންޓް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މިއީ މީޑިއާނެޓާއި ޑާރކްރެއިން ގުޅިގެން ގުޅިގެން ތައްޔާރުކުރާ ފުރަތަމަ ސީރީޒް/ފިލްމެއް ނޫނެވެ. މީގެ ކުރިން މިދެފަރާތުން ގުޅިގެންވަނީ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމާއި ސީރީޒްކަމުގައިވާ "ހިނދުކޮޅެއް" އަދި "ރޫމީ އާއި ޖަންނަތު" ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

"ރޯލީމޭ" މި ސީރީޒްއަކީ ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އޮކްޓޫބަރު މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވި ހޮރޯ-ކޮމެޑީ ފިލްމު "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ. މި ސީރީޒްގެ ކާސްޓުންގެ ގޮތުގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގްބޫލު ދިވެހިންގެ ލޯބި ލިބިފައިވާ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުޢައިބު (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ނުހާ އަދި ޝީލާ ނަޖީބު ފާހަގަކޮށްލެވެއެވެ. މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނިފައިވާނެއެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބުންވަނީ 2024 ވަނަ އަހަރު ރީތި ސީރީޒްތަކަކާއި ފިލްމުތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. މީގެ ތެރޭގައި "އެރެއަށްފަހު" އަދި "ޝަރުތު" ފަދަ ސީރީޒްތަކާއި "ފުރޭތަ" އަދި "ނީނާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މީޑިއާނެޓު އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކުރި ފިލްމު "ރޮބޯމޭން – ދަ މޫވީ" ވަނީ އޮލިމްޕަސް ސިނަމާގައިވެސް އަޅުވާ ކުދިބޮޑު ގިނަފަރާތްތަކެއްގެ މަގްބޫލުކަން ހޯދާފައެވެ. ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން، އިނގިރޭސި، ހިންދީ އަދި ކާރޓޫން ފިލްމާއި ސީރީޒްގެ ލައިބްރަރީއެއްވަނީ ވީޑިއޯކްލަބް ޚިދުމަތުގައި ހިމަނާފައެވެ.

ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް މީޑިއާނެޓު ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ޓީވީ އަދި ފޯނު މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް