ބާބު އެކެއް - ޒާރާ
ހެނދުނުގެ ފިނި ރޯޅިތައް މުޅި ޖައްވުގައި އެނބުރެމުން ދިޔަ ވަގުތެވެ. ދިވެހި އެފްއެމްއިން އަޑުއިވެމުން ދިޔައީ ހިތްގައިމު ރީތި ޤައުމީ ލަވަތަކުގެ އަޑެވެ. ބަދިގެ ތެރޭގައި އޭރު މަންމަ ހޭބޯ ނާރާ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅޭ އަޑުފައްގަޑު މުޅި ގޭތެރެއަށް އިވެމުން ދިޔައެވެ. ދޭތެރެއަކުން އަހަންނާ އަހަރެންގެ ބޭބެ ޒިޔަންއަށް އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ. ނިދި މޯޅީގައި ހުރެ އޭރު އަހަރެން ހުރީ ލޯގަނޑު ކުރިމަތީގައި ސުކޫލަށްދާން ތައްޔާރުވާށެވެ. އަހަރެންގެ ފަން، ދިގު އިސްތަށިގަނޑުގައި ޖެހިފައިވާ ގޮއްތައް ފިލުވުމުގައި އެވަގުތު އަހަރެން އުޅުނީ އަވަދި ނެތިއެވެ.
"ޒާރާ.... އަދިވެސް ތައްޔާރު ނުވެވޭތަ؟ ގަޑި ޖެހެނީ" މަންމަ ބަދިގޭގައި ހުރެ އަހަންނަށް ގޮވަމުން ދިޔައެވެ. އަހަރެން ފަހަތައް އެނބުރިލާ ފާރުގައިހުރި ގަޑި ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. އޭރު ގަޑި ޖެހެން އިނީ 15 ވަރަކަށް މިނެޓެވެ. އަވަސް އަވަހަށް އިސްތަށިގަނޑު އައްސާލައި، ބޮލަށް ބުރުގާ ވައްޓާލުމަށް ފަހު އަހަރެން ދިޔައީ ދަބަހަށް ފޮތްތައް އަޅާށެވެ. އަހަންނަށް ވުރެން މާ ފަހުން ހޭލި އަހަރެންގެ ބޭބެ ޒިޔަން ހަމަޖެހިލައިގެން ދަބަސް އަޅުވާލައިގެން ސައިބޯން ނިކުތް އިރުވެސް އަހަރެން ތައްޔާރުވެ ނުނިމެއެވެ. އަހަރެންވެސް ފިރިހެނަކަށް ވީ ނަމައޭ އެވަގުތު ހިތަށް އެރިއެވެ. ފިރިހެނަކަށް ވީ ނަމަ އަހަންނަށް ވެސް ގަޑިއަށް ސުކޫލަށް ދެވުނީހެވެ. ކިތަންމެ ކުރިން ހޭލައިގެން ތައްޔާރުވާން އުޅުނަސް ކޮންމެ ދުވަހަކުވެސް ސުކޫލަށް ގަޑިއަށް ދެވެނީ ހަމަ ކިރިޔާއެވެ. ދަބަސް ހިފައިގެން ބޭރަށް ނިކުތް އިރު މަންމަ ހުރީ ސައި ތައްޔާރުކޮށްފައެވެ. އެހެން ނަމަވެސް ސަޔަށްވުރެ މުހިންމުވީ ގަޑިއަށް ސުކޫލަށް ދިއުމެވެ.
"ޒާރާ މިއަދުވެސް ސައި ނުބޮއެ ތި ދަނީ؟ އާދެ މި ހުސްކުރޭ" މަންމަ ގޮވަމުން ދިޔައެވެ.
"ގަޑި ޖެހެނީ... ދަނީ .." އަހަރެން އެހެން ބުނުމަށް ފަހު އަވަސް އަވަހަށް ގެއިން ނިކުތީމެވެ. ސުކޫލާ ހަމައަށް ކިރިޔާ ދެވުނު ކަމެވެ. ރަނގަބީލު ޖަހައިފިއެވެ.
ގޯތި ތެރެއަށް ވަދެގެން ދަނިކޮށް އެކުވެރި ދީނާއާއި ދިމާވިއެވެ. ދީނާއާއި އެކު ބޮޑު ވާހަކައިގައި ގޮސް ކުލާހަށް ވަނީމެވެ. މިއަދުވެސް ކުލާސް ފެށުނީ އަހަރެން އެންމެ ފޫހިވާ އިނގިރޭސި ގަޑިންނެވެ. ދަބަހުން އަހަރެންގެ ފޮތް ނެގުމަށް ފަހު އަހަރެން އިނީ އިސްދޮށަށް ޖަހައިގެން ފޮތުގައި ލިޔެލަ ލިޔެލައެވެ. އިނގިރޭސި ގަޑީގައި އަބަދުވެސް އަހަރެންގެ ކަމަކީ ތަފާތު އެކި އެއްޗެހި ކުރެހުމާއި ޅެން ލިޔުމެވެ.
ޅެން ލިޔުމާއި ކުރެހުމަކީ އަބަދުވެސް އަހަރެން އެންމެ ކުރާ ހިތުން ކުރާ އެއް ކަމެވެ. ހިތަށް އަރައެވެ.އެ ރަން ޒަމާނަށް އުފަން ވުމަކީ އަހަންނަށް ލިބުނު ހާދަހާ ބޮޑު ނަސީބެކެވެ. މިޒަމާނަށް އުފަންވި ނަމަ އެ ހުނަރު ހޯދާނެ ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. މިހާރު ކުދިން މަންމަ ބަނޑުން ނިކުންނަ އިރު އަތަށް އަރަނީ ކޮންމެވެސް މޮޅު ސްމާޓް ގެޖެޓެކެވެ. އޭގެ ސަބަބުން އެކުދިންނަށް މިފަދަ ކިތައް ފުރުސަތާ ހުނަރު ގެއްލޭނެ ބާއެވެ.
ސްކޫލު ނިންމާގޮތަށް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން އަހަރެމެންގެ ކަމަކީ ފާލަން މަގަށް ކުޅެން ދިޔުމެވެ. އެދުވަހުވެސް އަހަރެމެން ތިބީ މެންދުރުގެ އެ ގަދަ އަވީގަ އަތިރިމަތީގައި ކުޅޭށެވެ. އަހަރެމެން އެތާ ތިއްބާ އެމަގަށް ދޯންޏެއް ލެފިއެވެ. ކުޅުން ހުއްޓާލައި އެ މަންޒަރު ބަލަންތިބީ އެޒަމާނުގައި ދޯންޏެއް ލެފުމަކީ އަހަރުމެންނަށް ލިބޭ އުފަލަކަށް ވާތީއެވެ. ދޯންޏެއް ފާލަން މައްޗަށް ލަފާނީ ހާލަކުން ދުވަހަކު ވިއްޔާއެވެ.
ދޯނިން ދެމީހަކު ފައިބައިގެން ފޮށި ތަންމަތި ހިފައިގެން ރަށުތެރެއަށް އައުމަށް ހިނގައިގަތެވެ. އެއީ އަހަރެންގެ މަންމައާއި ގާތްގަނޑަކަށް އެއް އުމުރުގެ އަންހެނަކާއި އަހަންނަށްވުރެ ތަންކޮޅެއް އިސްކޮޅުން ދިގުކަމަށް ބެލެވޭ ފިރިހެން ކުއްޖެކެވެ.
ދެވަނަ ބާބު – ލައިޝަމް
"ދަރިފުޅާ މިއާދެވުނީ"
ދަބަސް މަތީގައި ބޯ އަޅައިގެން ނިދާފައި އޮށްވާ މަންމަ ބުންޏެވެ. ދެލޯ އުނގުޅަމުން ތެދުވެ ބަލާލީމެވެ. އޭރު ފާލަމާއި ހަމައަށް އާދެވިއްޖެއެވެ. ދޯނިން ފައިބާ ރަށުތެރެއަށް ނަޒަރު ހިންގާލީމެވެ. ދިރިއުޅުމުގައި މުޅިން އައު މަރުހަލާއަކަށް އިންތިޒާރު ކުރެވުނު ކަހަލައެވެ. ހިތި ތަޖުރިބާއަކަށް ފަހު ފޮނި އުފާވެރި ތަޖުރިބާއެއްކޮށްލަން ކެތްމަދުވެފައި ހިތް ވާ ކަހަލައެވެ. ފާލަން މަތިން ހިނގާލާފައި ދިޔައިރު ރަށު ތެރެއިން ޖެހެމުން އައި ފިނި ރޯޅިތައް ދިޔައީ ގައިގައި ބީހެމުންނެވެ. އެ އިހުސާސްއަކީ ހަށިގަނޑުގައިވާ ޒަޚަމްތަކުގައި އޯގާތެރި އަތަކުން ފިރުމަމުން ދިޔަ ކަހަލަ އިހުސާސް އެކެވެ. މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. ދެތިން މިނެޓުން އަހަރެމެންގެ މަންޒިލަށް އަހަރުމެންނަށް ދެވިއްޖެއެވެ. ފެނިގެން ދިޔައީ މާކަމޮޅު ލަގްޒަރީ ގެއެއް ނޫނެވެ. ވަރަށް އާދައިގެ ގޮތަކަށް ހިރި ގަލުން ރާނާފައިވާ ގެއެކެވެ. ދޮރުމަތީގައި ހުރި ބަނބުކެޔޮ ގަސް ދޮށުގައި ފިނި މައިޒާނެއް ހުއްޓެވެ. އެގެއަކީ ލަގްޒަރީ ތަނަކަށް ނުވި ނަމަވެސް އެތަނުން އަހަރެންގެ ހިތަށް އުފާވެރިކަން އިހުސާސް ކުރުވިއެވެ.
"ދަރިފުޅުމެން އައީތަ.. އަވަހަށް އާދޭ ސައިބޯން" ގޭ ދޮރުމަތީގައި ހުރި އަހަރެންގެ މާމަ ގޮވާލިއެވެ.
ސައިބޮއެގެން ދޮންބެ އާއި އެކު ރަށުތެރެއަށް ނިކުމެލީމެވެ. ދޮންބެ ރަށުތެރޭގެ އެކި ތަންތަން އަހަންނަށް ދައްކަމުން ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ދޮންބެމެން ރަށުގައި ކޮންމެ ހުކުރު ދުވަހެއްގައި މޫދަށް އެރޭ ވާހަކައާއި، މަސްބާނަން ދާ ވާހަކަތަކާއި، ކާފަ އާއި އެކު މަހަށް ދާ ވާހަކަތަކެވެ. އެ ވާހަކަތައް އަހަންނަށް ވެގެންދިޔައީ ހުވަފެނަކަށެވެ. އެ ހުރިހާ ކަމެއް އަހަރެން ވެސް ތަޖުރިބާ ކޮށްލަން ބޭނުންވިއެވެ. ތޮއްޖެހިފައިވާ މާލެ ފިޔަވައި ގުދުރަތީ ވައިޖެހޭ ރީތި ތަނަކަށް އަހަންނަށް މި އާދެވުނީ އަދި އަލަށް ވިއްޔާއެވެ. ރާއްޖެތެރޭގެ ރީތި ވާހަކަތަކާއި ހިތްގައިމު ވާހަކަތަކަކީ އަބަދުވެސް ސުކޫލުގެ މުދައްރިސުންގެ ފަރާތުންވެސް އަޑު އިވިފައިވާ ވާހަކަތަކެވެ. މިއަދު މި މަންޒަރު ހަމަ ލޮލަށް ފެނި، މި މަންޒިލަކީ އަހަރެންގެ ދާއިމީ މަންޒިލަށް ވުމީ އަހަންނަށް ދިރިއުޅުމުގައިވެސް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ކުޑަ ކުޑަ އެ ރަށުތެރޭގައި މާ ގިނަ އިރުތަކެއްގައި ހިނގަން ނުޖެހި މުޅި ރަށް އެއްކޮށް ބަލާލެވުނެވެ. އަހަރެމެންނަށް އަނެއްކާވެސް ވަށާލާފައި އާދެވުނީ އަހަރެމެން ލެފި ފާލަން މަގާ ދިމާއަށެވެ. އޭރު އެ ސަރަހައްދުގައި ހަވީރު ފިންޏަށް އެކި އުމުރުފުރައިގެ މީހުން ޖަމާވެފައި ތިއްބެވެ. އެއް ބަޔަކު ގޮނޑުދޮށުގައި ޖައްސާލައިގެން ތިބީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. މާ ދުރު ނޫން ހިސާބެއްގައި ކުޅެން ކުދިންތަކެއް ތިއްބެވެ. ހަގީގީ ނަސީބު ވެރިންނަކީ މިއީއޭ ހިތަށް އެރިއެވެ.
ރީތި ހުދު ވެލިގަނޑުމަތީގައި ކަނޑުގެ ތާޒާ ވައިޖެހޭ ހިސާބުގައި ދިރިއުޅެން ފުރުސަތު ލިބޭނީ ހަގީގަތުގައިވެސް ނަސީބުވެރިންނަށެވެ. އަހަންނަކީ ކިތަންމެ ބަދުނަސީބުވެރިއެއް ނަމަވެސް މިއަދު މިކަމުން އަހަރެންވެސް މިވީ ނަސީބުވެރިއަކަށްތާއެވެ. ހުރިހާ ޝުކުރެއް މަންމައަށެވެ. މަންމަގެ އެ އާދަޔާ ޚިލާފު ހިތްވަރަށެވެ. އުމުރު ދުވަހަށް އެ އަނިޔާވެރިކަމަށް ކެތްނުކުރަން މަންމަ ނިންމި އެ ނިންމުމަށެވެ.
މާޒީވެ ގޮސްފައިވާ ހިޔާލުތަކުތެރޭގައި އަހަރެން ހުރީ ގެއްލި ހުސްވެފައެވެ. ސިއްސައިންގެ ގޮސް ފަހަތް ބަލާލީ ތެމުމުންނެވެ. ލިބުނު ސިހުމުގައި ފަހަތް ބަލާލި އިރު އަހަރެމެންގެ ފަހަތުގައި ތިބި ތިން ހަތަރު ކުއްޖަކު އަހަރެން ތެންމާލާފައި ހެމުން ދުވެ ފިލަނީއެވެ.
އަހަރެން ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީސް އެއްކޮށް ހެން ތެމި ފޯވިއެވެ.
ހިތް ނުތަނަވަސްވެ ހުރެ ދޮންބެއާއި ދިމާއަށް ބަލާލީމެވެ. ދޮންބެ ފެށީ ހޭށެވެ. އަހަންނަށް ދެރައެއް ލިބުނީމަ އަހަރެންގެ އަމިއްލަ ލޭ ހިނގާ ދޮންބެ އަހަންނަށް މަލާމަތްކޮށް ހޭންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
"ތީ މާބޮޑު ކަމެއް ނޫނޭ.. މިރަށުގެ އާދަކާދަތީ... އަލަށް ބީރައްޓެއްސެއް ރަށަށް އަރައިފިއްޔާ ބަލާނެ މި ކުދިވެރިން ކޮންމެވެސް ލަނޑެއް ދެވޭތޯ" ދޮންބެ ބުންޏެވެ.
އެހެން ނަމަވެސް އަހަންނަށް އެކަން އެއީ މާ ރަގަނޅު އާދައެއް ކަމަށް ގަބޫލެއް ނުކުރެވުނެވެ. އެކަހަލަ ކަންކަން ކުރާއިރު އަނެކާގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ޖެހޭނެތާއެވެ؟
ހިތްހަމަ ނުޖެހި ހުރެ ގެއާއި ދިމާއަށް ދިޔުމަށް ހިނގައިގަތީމެވެ. ގެއަށް ވަދެ ގޭ ދޮރު މަތީގައިއޮތް ފެން ހޮޅިން ފައި ދޮވެލަން މަޑުކޮށްލި ވަގުތެވެ.
އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ ދޮރުމަތީގައި އަހަރެން ގަޔަށް ފެން ޖެހި ކުދިންތައް ތިއްބައެވެ. އެވަގުތު އަހަރެންގެ ލޭ ކެކުނު ކަހަލައެވެ.
އަހަންނަށް ލަނޑެއް ދީފައި އައިސް އެ ކުދިން އެ ތިބީ ވަރަށް ހެވިފައެވެ. އަހަރެންގެ އިހުސާސްތައް އެމީހުންނަކަށް ނޭނގެއެވެ. އެކަމަށް އެމީހުން ވިސްނާވެސް ނުލައެވެ. ބަދަލު ހިފުމުގެ ރޫހުގައި ސިކުނޑީގައި ހިޔާލެއް ދައުރުވިއެވެ.
ވަށައިގެން ގޯތިތެރެއަށް ބަލާލީމެވެ. މާދުރު ނޫން ހިސާބެއްގައި ހުރި ބާލިދީ ލޮލުގައި އަޅައިގަތެވެ. ބާލިދީއަށް ފެން އަޅައިގެން އަހަރެން އެ ގޯތި ތެރެއަށް ވަނީ ބަދަލު ހިފުމުގެ މަގުސަދުގައެވެ. އެއީ އަހަންނަށް ބީރަށްޓެހި ބައެއް ކަމުގައި ވީ ނަމަވެސް އެވަގުތު އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. އަހަންނަކީ ރުޅި ކޮންޓްރޯލް ކުރަން އުދަނގޫ މީހެއް ކަމުން އަހަންނަށް މީހަކު ދެރައެއް ދީފި ނަމަ އަހަރެންގެ ހިތް އެމީހަކަށްވެސް އެގޮތަށް ވުމަށް އެދެއެވެ. އެއީ އަހަރެންގެ މިޒާޖު ކަމަށް ވެދާނެއެވެ. ނޫނީ އެއީ އަހަރެން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މިންވަރު ކަމަށްވެސް ވެދާނެއެވެ.
ވިސްނުމެއް ފިކުރެއް ނެތި ގޮސް އެ ގޯތިތެރެއަށް ވަނީމެވެ. އަހަރެން އަންނަތަން ފެނުމުން އެކި ކުދިން އެކި ދިމާއަށް ހެމުން ދުއްވައިގަތެވެ. ފެން ބާލިދީގެ ޝިކާރައަކަށް ވީ އެންމެ ކުއްޖެކެވެ. އެކުއްޖާއަށް ދުއްވައިގަންނަން ފުރުސަތެއް ނުލިބުނެވެ. އެހެން ނަމަވެސް އަހަރެންގެ ހިތް ފުރުނެވެ. އަހަންނަށް އިހުސާސްވި އިހުސާސް މިހާރު އެ އަންހެން ކުއްޖާއަށްވެސް ހުންނާނީ އިހުސާސް ވެފަތާއެވެ. އެކުއްޖާ އަހަންނާއި ދިމާއަށް ބަލާލީ ވަރަށް ރުޅި އައިސްފައެވެ. އެހެން ނަމަވެސް އަހަންނަށް ލިބުނީ އުފަލެކެވެ. ހިތް ހަމަ ޖެހުމެކެވެ. އެތައް އިރެއް ވަންދެން އަހަންނަށް ކަޅި ޖަހާނުލާ ބަލަން އެ އިނީ އަހަރެންގެ ފަރާތުން ހަމްދަރުދީ ހޯދަން ނޫނީ ވަކި ކޮން ބޭނުމަކު ބާއެވެ.
އެކުއްޖާގެ މަގުސަދު އެކުއްޖާއަށް ކާމިޔާބުވި ކަހަލައެވެ. އަހަރެންގެ ހިތުގައި އޭނައަށް ކުޑަ ހަމްދަރުދީއެއް އުފެދުނެވެ.އަހަރެން ބޮލުގައި އަތްކާތަލަމުން ހެވިލާފައި މާފަށް އެދުނީމެވެ. އެހެން ނަމަވެސް އެންމެ ބަހެއްވެސް ނުކިޔާ އަހަންނަށް ބަލަހައްޓައިގެން އިނެވެ. މިހާރު ކިބުރުވެރީ ކާކު ހެއްޔެވެ؟ މާފަށް އެދުމުންވެސް ނަފްރަތުން ފުރިފައިވާ ދެލޮލުން ބަލަން އޭނީ އެކުއްޖާއެވެ. މާމުއި ކުލައިގެ ކަޅިރަވައެކެވެ. ކުލަ އަލި ރީތި ކުއްޖެކެވެ. ލައިގެން އިނީ މަޑު ނޫކުލައިގެ ކުދި މާ ޖެހި ހެދުމެކެވެ. އިރުގަނޑެއްގައި ނަފްރަތުގެ ކަޅި އަހަންނަށް އެޅުމަށްފަހު އެކުއްޖާގެ އަތުގައި އޮތް ނޯޓު ފޮތް އަހަންނާ ދިމާއަށް އެއްލާލާފައި ގޭތެރެއަށް ވަނެވެ. އަހަރެން ވީ ފޫސެއްގެ ބޮޑުކަމުގެ ވާހަކަ ބުނަންވެސް ނޭގުނެވެ. އެކަހަލަ ކިބުރުވެރި މީހުން މީހުންނާ ސަމާސާ ކުރަނީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 ޑިސެމްބަރު، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް