ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އާ ކޯސްތަކެއް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އާ ކޯސްތަކެއް މިއަދު އިފްތިތާހުކޮށްފި އެވެ. މިއަދު ހެނދުނު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސްތައް އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހ...

25 Dec 2023 | 14:36

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އާ ކޯސްތަކެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މިއަދު ހެނދުނު ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސްތައް އިފްތިތާހުކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންވި އެވެ.

މިއަދު އިފްތިތާހުކުރި އާ ކޯސްތަކަކީ:

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް

  • މާސްޓާސް އޮފް ބިޒްނަސް މެނޭޖްމަންޓް
  • މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަރނަންސް

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިސަންސް

  • މާސްޓާސް އޮފް އިސްލާމިކް ރިވެލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން

މީގެ ތެރެއިން މާސްޓާސް އޮފް ބިޒްނަސް މެނޭޖްމަންޓަކީ ވިޔަފާރިއެއް ހިންގުމުގެ ހުނަރުތަކާއި، ސްޓްރެޓެޖިކަލީ ކަންކަން ރާވާނެ ގޮތާއި، އެކަންކަން ތަންފީޒުކުރާނެ ގޮތްތައް ކިޔަވައިދޭން ފަރުމާކޮށްފައިވާ ކޯހެކެވެ. ވިޔަފާރިއެއްގެ އަސާސުތައް ކަމަށްވާ މާލީ ދާއިރާ އާއި މާކެޓިން އާއި އިންސާނީ ވަސީލަތްތަކަށް ހާއްސަ ބައިތައް ހިމެނޭ މި ކޯހުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ކޭސް ސްޓަޒީތައް ކިޔަވައިދީ، އެކަންކަން ވިޔަފާރީގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ. މީގެ އިތުރުން ކްރިޓިކަލް ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އިތުރުކޮށްދީ،ލީޑާޝިޕާއި، ކޮމިއުނިކޭޝަންސްގެ ހުނަރުތައް ވެސް ދަސްކޮށްދޭނެ ވެސް މެ އެވެ.

މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ގަވަނަންސް އަކީ ޕަބްލިކް ޕޮލިސީ އާއި ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަނަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުމާކޮށްފައިވާ ކޯހެކެވެ. ސިޔާސީ މަރުހަލާތަކާއި ޕަބްލިކް ސެކްޓާ މެނޭޖްމަންޓްގެ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ޕަބްލިކް ސެކްޓަރގެ ލީޑަރޝިޕް ރޯލްތަކަށް ދަރިވަރުން ތައްޔާރުކުރުމާއި• ޕޮލިސީ އެނަލިސިސް ކުރުމާއި ތަންފީޒުކުރުމުގެ ހުނަރު ތަރައްގީކުރުން އަދި ގުޑް ގަވަނަސް އަށް މި ކޯހުން ލޯ ހުޅުވާލަދޭނެ އެވެ. މީގެ އިތުރުން ޕަބްލިކް އެޑްމިނިސްޓްރޭޝަންގައި ދިމާވާ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތައް ވެސް މި ކޯހުގައި ކިޔަވައިދޭނެ އެވެ.

މާސްޓަރ އޮފް އިސްލާމިކް ރިވެލްޑް ނޮލެޖް،ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން އަކީ އިސްލާމީ ކޮންޓެކްސްޓެއްގެ ތެރެއިން ލީޑަޝިޕާއި އެޑްމިނިސްޓްރޭޝަނަށް ސަމާލުކަން ދޭނެ ގޮތްތަކާއި ނިންމުންތައް ނިންމުމުގައި އިސްލާމީ އަހުލާގު ހިމަނާނެ ގޮތް އެކުލެވޭ ކަރިކިއުލަމެކެވެ. މި ކޯހުގައި އިސްލާމީ ލީޑަޝިޕަށް ދަރިވަރުން ލޯ ހުޅުވާލަދޭނެ އެވެ. އަދި އިސްލާމީ މުއައްސަސާތަކުގެލީޑަޝިޕަށް މީހުން ތައްޔާރުކޮށްދޭނެ ވެސް މެ އެވެ. އަދި ޒަމާނީ ކަންކަމުގައި އިސްލާމީ އުސޫލުތައް ބޭނުންކުރަން ވެސް ދަސްކޮށްދޭނެ އެވެ.

މި ތިން ކޯހަކީ ވެސް މިއީ ފޭސް ޓު ފޭސް، ބްލެންޑެޑް އަދި އީ-ލާނިން މެތަޑަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް