މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އަމިއްލައަށް ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
ދައުލަތުގެ އިސް މަޤާމުތަކުގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރު މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރެވެމުން ދިޔައިރުވެސް އެ ޖަމިއްޔާއިން ކޮމިޓީ އެލަވަންސްތައް ކަނޑާލާ، މަޖިލިސް މެމްބަރުން ކުރާ ހަރަދުތައް ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އިސްލާހުތައް ހުށަހަޅާފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ކޮމިޓީ މަސައްކަތްތަކަކީ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތަކަށް ވުމާއެކު، އެކަމަށް އިތުރު އެލަވެންސެއް ދިނުމަކީ އެ ޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ އެބައެއްގެ މުސާރަ އަމިއްލައަށް ކަނޑައެޅުމަކީ މަސްލަހަތު ފުށޫއަރާ ކަމަކަށްވީހިނދު، އެއްވެސް އަސާސަކަށް ބިނާކުރުމެއް އަދި މަޝްވަރާއެއްނެތި މަޖިލީހުގެ ދައުރު ނިމުމަކަށް އަންނަން ކައިރިވެފައި ވަނިކޮށް މުސާރަ ބޮޑުކުރުމަކީ މެމްބަރުންގެ ނަޒާހާތްތެރިކަމާއި، ނިޔަތާއި މަޤްސަދާ މެދުވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި، ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް، ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން އެންމެ އެކަށީގެންވާ އުޖޫރައެއް ކަނޑައެޅިފައި ނުވާއިރުއާއި، ޚިދުމަތްތައް ހޯދުމަށް ހަމަހަމަ ފުރުސަތުތަކެއް އެންމެންނަށް ލިބިފައިނުވާއިރު، ރައްޔިތުން ތަމްސީލުކުރަން ތިބި މެމްބަރުން އެކަންކަން ރަނގަޅުކުރުމަށް ގެންނަންޖެހޭ މުހިންމު ގިނަ ބަދަލުތަކެއް ނުގެނެސް، އެ މެމްބަރުންގެ މުސާރަ އަމިއްލައަށް ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މުސާރަ ކަނޑައެޅުމުގައި ހާމަނައިޒްޑް އެޕްރޯޗެއް ގެންގުޅެ ގިންތީގެ ފަރަގު ކުޑަކޮށް ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށްވެސް ޓްރާންސްޕޭރެންސީ އިން ވަނީ ގޮވާލާފައެވެ. އެގޮތުން، ޕޭ ހާމައިނައިޒޭޝަންގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށާފައިވާއިރު، މަތީ މަޤާމުތަކުގެ މުސާރައަށް މިފަދަ ބަދަލެއް ގެނައުމަކީ ޕޭ ހާމަނައިޒޭޝަންގެ މަޤްސަދާއި އެކަން ހާސިލްކުރަން ކުރެވިފައިވާ މަސައްކަތްތަކާއި މުޅިން ހިލާފުކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް ފާސްކުރުމަށް އެ ޖަމިއްޔާއިން ގޮވާލާ، އިސް މަޤާމުތަކަށް ބޮޑު މުސާރައެއް ކަނޑައެޅުމުގެ އެއް މަޤުސަދަކީ މަސްލަހަތު ފުށުއެރުމާއި، ކޮރަޕްޝަން އަދި ނަހަމަގޮތުގައި ފައިސާ ހޯދުން ހުއްޓުވުން ކަމުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
2022 ވަނަ އަހަރު އެ ޖަމިއްޔާއިން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅާފައިވާ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް މިއަދާ ހަމައަށްވެސް މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީގައި އޮންނަކަން ފާހަގަކޮށް، އެ ޖަމިއްޔާއިން ބުނީ މެމްބަރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމު ހަރުދަނާ ނުކޮށް، މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މި ދަނޑިވަޅުގައި މަސައްކަތް ކުރުމަކީ އެކަމުގެ މަޤުސަދު ގެއްލޭ އަދި ނިޔަތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ކޮމިޓިގެ މި ނިންމުން މަޖިލިސް ތަޅުމަށް ދާއިރު، ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވައި ހިންގުމުގެ ބާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ހަރުދަނާކުރުމަށްޓަކައި، އެ ނިންމުން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް