ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް އިފްތިތާޙްކޮށްފި

ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭޕް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިފްތިތާޙްކޮށްފިއެވެ. އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޭމްޕް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް...

25 Dec 2023 | 11:33

ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭޕް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިފްތިތާޙްކޮށްފިއެވެ.

އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޭމްޕް އިފްތިތާޙްކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސްއެވެ.

މި މަހު 23 އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ވަނީ ކޮންމެ ދަރިވަރަކުވެސް ހިތްވަރާއެކު މަސައްކަތްކޮށް، ކޭމްޕުގައި އުނގަންނައިދޭ އިލްމާއި ހުނަރުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

ކެޑޭޓު ކޭމްޕް ފެށުމުގެ ގޮތުން ކޭމްޕުގެ މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއެވެ. އަދި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލުއެވެ.

މި ކެޑޭޓު ކޭމްޕުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިން، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓިންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެއެވެ.

މި ކޭމްޕު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ އިތުރުން ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ ކާނަލް އިބްރާހިމް އަޝްރަފާއި، އެމްއެންސީސީގެ އެޖުޓަންޓް ލެފްޓިނެންޓް ކާނަލް މުޙައްމަދު ނާޒިމްއާއި، މި ކޭމްޕުގެ ކޮމާންޑަރ މޭޖަރ އަހުމަދު ޖަމީލްއާއި، ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމް މޫސާއާއި، އެގްޒެކެޓިވް އޮފިސަރ ސާޖަންޓް މޭޖަރ އަބްދުﷲ ޖަމީލާއި، ކޭމްޕުގެ ސީނިއަރ އެންލިސްޓެޓް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލާއި، އެމްއެންސީސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކެޑޭޓް ކާނަލް މުޙައްމަދު އަޝްރަފުގެ އިތުރުން ކެޑޭޓް އިންސްޓްރަކްޓަރުންނާއި ކޭމްޕުގެ އެންމެހާ ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް