ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
މިކަން ހާމަ ކުރީ ހުކުމް އިއްވުމުގެ މަޖިލީހުން ނުކުމެ ކްރިމިނަލް ކޯޓޫ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގަ ރިޝްވަތު ގަބޫލު ކުރެއްވުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލި މައްސަލައިގަ ޖަލު ހުކުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާ ކޮށްފައި އެވެ.11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ރިޝްވަތުގެ ކުށަށް ހަތަރު އަހަރު، މަނީ ލޯންޑަރިންގެ މައްސަލައިގަ ހަތް އަހަރުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.
ޔާމީންގެ ވަކީލުންގެ ފަރާތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީނަށް ކުރި ހުކުމަކީ ބަލައިގަންނަ ހުކުމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައި ހުރި އުސޫލުތަކާ ހިލާފަށް، އެ އުސޫލުތައް އެއްކިބާ ކުރުމަށްފަހު ކޮށްފައިވާ ގާނޫނާ ހިލާފު ހުކުމެއް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ އެ ކުށްތައް ސާބިތު ކުރެވޭވަރުގެ ހެއްކެތް ދައުލަތަށް ޔާމީނާއި ދެކޮޅަށް ދެއްކިފައި ނުވާ ކަމަށެވެ.
ވަރަށް އަވަހަށް މި ހުކުމް އިސްތިއުުނާފު ކުރާނެކަން ފާހަގަ ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފު މަރުހަލާގައި ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެވޭނަ ކަމަށެވެ.
ޔާމީންގެ މައްޗަށް މިއަދު އިއްވި ހުކުމާއި އެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވީ އެވެ.
އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ ގާނޫނު އަސާސީގެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް