ރައީސް ޔާމީންގެ މައްޗަށް މިއަދު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ރައީސް ޔާމީން މިއަދު އެ ހޯއްދެވި ނަތީޖާއަކީ އެމަނިކުފާނު އަމިއްލައަށް ހޯއްދެވި ނަތީޖާއެއް ކަމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ މިއަދު ފަތިހު ރެކޯޑު ކުރެއްވެވި އޯޑިއޯ މެސެޖެއްގައެވެ.
އޯޑިއޯ އެ މެސެޖުގައި ޖާބިރު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީން ވެރިކަމަށް އައުމުގައިވެސް، ވަރަށް ގާތް ރައްޓެއްސެއްކަމުގައި ދެކެގެން އެމަނިކުފާނަށް ވަރަށް އޯގާތެރި ކަމާއެކު ވަރަށް ރަނގަޅަށް ކަންތައްކުރި މީހެއް ކަމަށާއި ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ނުކުރުމަށާއި އަނިޔާވެރި ނުވުމަށާއި ވައްކަން ނުކުރުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވި ކަމަށެވެ.
"އެހެންނަމަވެސް މަނިކުފާނު އިސްކުރީ އަޅުގަނޑުވެސް ޖަލަށްލާ، އަދި އަޅުގަނޑު އެހާމަސައްކަތުން ބުރަ މަސައްކަތްކޮށްގެން އަޅުގަނޑު ހޯދި ފައިސާ މަނިކުފާނު ވިދާޅުވި ވިދާޅުވުމަށް ދީ، އެއްވެސް، އެއްވެސް ކަހަލަ ކުލުނެއް ނެތްގޮތަށް އަޅުގަނޑާއި ދޭތެރޭގައި އަމަލުކޮށް ޖަލަށްލާ، އަޅުގަނޑުގެ މުދާތައް ހިފަހައްޓާ އެތައް އަހަރަކު އަޅުގަނޑު ކުރި މަސައްކަތް، ކުންފުނިތައް ބަނގުރޫޓުކުރާންވެގެން ކުރާންޖެހުނު ކަންތައް މަނިކުފާނު ވަނީ ކޮށްފަ" ޖާބިރުގެ އޯޑިއޯ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޖާބިރުގެ އެ މެސެޖުގައި ވިދާޅުވީ އެކަންކަމާއި ގުޅިގެން ރާއްޖޭން ބޭރުގެ ލަންޑަނުގައި އެތައް ޒަމާނެއް ވަންދެން ހުންނަންޖެހުނު ކަމަށާއި ސްރީލަންކާގެ އަރުވާލެވި ހުންނަންޖެހުނު ކަމަށެވެ.
"އެހެންވީމާ މިއަދު ހެޔޮ ދުއާކުރަން އަޅުގަނޑު ޔާމީނަށް، ކޮންމެ ނަތީޖާއެއް ނިކުތައް އެ ނަތީޖާއަކީ އަމިއްލައަށް ހޯދި ނަތީޖާއެއް" ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ޔާމީން ފަދަ ރައްޓެއްސަކާ "ލައިފުގަ" ބައްދަލުވީތީ ވަރަށް އުނދަގޫ ކަމަށާއި އެހެންނަމަވެސް ހެޔޮ ދުއާ އޮންނާނީ ރައީސް ޔާމީނާއި އެކުގައި ކަމަށެވެ. އަދި ހައްގު އަދަބު ލިބޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް