ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ވަނީ 24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަމަށެވެ.
މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސް އެކެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން ރާއްޖޭން ބޭރުން ޓީޗަރުންނާއި ޢިލްމީ ބޭފުޅުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވަރކްޝޮޕް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް