"އަލީ ބާބާ"ގެ ބަތަލާ ސެޓުގައި މަރުވުން، ތުހުމަތުގައި އެ ޑްރާމާގެ ބަތަލް ހައްޔަރުކޮށްފި

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ "އަލީ ބާބާ- ދާސްތާން އޭ ކާބުލް" ގެ ބަތަލާ ޓުނީޝާ ޝަރުމާ، އެ ޑްރާމާގެ ސެ ޓުގައި މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން...

25 Dec 2022 | 17:24

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ "އަލީ ބާބާ- ދާސްތާން އޭ ކާބުލް" ގެ ބަތަލާ ޓުނީޝާ ޝަރުމާ، އެ ޑްރާމާގެ ސެ ޓުގައި މަރުވި މައްސަލައެއް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭނާ މަރުވެފައި ހުއްޓަ ފެނުނީ ރޭގެ ވަގުތެއްގައި އެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތައްތަކެއް ފުލުހުންގެ ސަމާލު ކަމަށް އައުމުން އެ މައްސަލަ ވަނީ ތަހުގީގު ކުރަން ފަށާފައި އެވެ.

މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ ޓުނީޝާގެ މަންމަ އެވެ. އޭނާ ފުލުހުންނަށް ހުށަހެޅި މައްސަލައިގަ ބުނީ ޓުނީޝާ އަކީ އަމިއްލައަށް މަރުވެދާނެ މީހެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވީ މަޖުބޫރީ ހާލަތުގައި ކަމަށެވެ. އަދި ޓުނީޝާގެ މަރުގެ ފަހަތުގައި "އަލީ ބާބާ" ޑްރާމާ ސިލްސިލާގައި އޭނާ އާއި އެކު ބަތަލްގެ ރޯލުން ފެނިގެންދާ ޝީޒަން މުހައްމަދު ހާންގެ އަތެއް ވާކަމަށް ބެލެވޭ ކަމަށެވެ.

އޭނާގެ މަންމަ ބުނީ ޓުނީޝާ އާއި ޝީޒަން އުޅުނީ ރައްޓެހިވެގެން ކަމަށެވެ. ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައިތާ އަދިވީ 15 ދުވަސް ކަމަށާއި ދެ މީހުން ވަކިވި ފަހުން ޓުނީޝާ އުޅެނީ ޑިޕްރެޝަންގައި ކަމަށް މަންމަ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގަ މިއަދު މެންދުރުގެ ވަގުތެއްގައި މުމްބާއީ ފުލުހުން ވަނީ ޝީޒަން ހައްޔަރު ކޮށްފައި އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ޝީޒަން އެއްބާރުލުން ނުދޭ ކަމަށާއި ދެމީހުންގެ ގުޅުމާއި އެންމެ ފަހުން ޒުވާބު ކުރަން ޖެހުނު ސަބަބާއި ގުޅޭގޮތުން އޮޅުވާލައި، ބަޔާން ބަދަލު ކުރަމުންދާ ކަމަށެވެ.

އޭނާ މަރުވެފައި ހުރީ ޝީޒަންގެ މޭކަޕް ރޫމުގައި ކަމަށްވެ އެވެ. މަރުވެފައި ހުއްޓަ ފެނުނީ ފާހާނާއަށް ދިޔަ ގޮތަށް އެނބުރި ޝޫޓިން ކުރިޔަށްދާ ތަނަށް ނުގޮސްގެން ފާހާނާ އާއި ސެޓުގެ އެކި ކޮޓަރިތައް ބަލަމުން ދަނިކޮށެވެ. އެ ކޮޓަރިއަށް މީހުން ވަނީ ދޮރު ހަލާކު ކޮށްލައިގެން ކަމަށްވެ އެވެ.

ޓުނީޝާ އާއި ޝީޒަން ލީޑްރޯލުން ފެނިގެން ދާ ސިލްސިލާ "އަލީ ބާބާ" އަކީ މިއަހަރުގެ އޮގަސްޓު މަހު ފެށި ސިލްސިލާއެކެވެ. މިހާތަނަށް ގިނަ ބަޔަކަށް އެ ސިލްސިލާ ކަމު ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް