އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޤާނޫނު ތަންފީޒު ކޮށްދޭން ޖަލު އޮފިސަރުންގެ ކިބައިން އިމްރާން އެދިވަޑައިގެންފި

ޖަލު ބެލެހެއްޓުމަކީ ރިސްކުބޮޑު، ޒިންމާބޮޑު، ދަތި އަދި ބައެއް ފަހަރު ހިތް ދަތި ކަންތައްތަކާ ކޮންމެ ދުވަހެއްގައިހެން ކުރިމަތި ލާންޖެހޭ ކަމެއްކަމަށާއި މިކަންތައްތައް ކުރިމަތިލަމުންދާއިރު، ހިތްހެޔޮކަމާއި ...

25 Dec 2022 | 16:51

ޖަލު ބެލެހެއްޓުމަކީ ރިސްކުބޮޑު، ޒިންމާބޮޑު، ދަތި އަދި ބައެއް ފަހަރު ހިތް ދަތި ކަންތައްތަކާ ކޮންމެ ދުވަހެއްގައިހެން ކުރިމަތި ލާންޖެހޭ ކަމެއްކަމަށާއި މިކަންތައްތައް ކުރިމަތިލަމުންދާއިރު، ހިތްހެޔޮކަމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޤާނޫނު ތަންފީޛުކޮށްދެއްވުމަށް ކަރެކްޝަންސްގެ އޮފިސަރުންގެ ކިބައިން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންފިއެވެ.

ހޯމް މިނިސްޓަރ އިމްރާން މިގޮތަށް އެދިވަޑައިގަތީ ރޭ މާފުށީ ޖަލުގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްސީން ބުނީ އަށެއް ސެޕްޓެމްބަރ 2022 ގައި ފެށި މި ޓްރޭނިންގ އަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންގއެއް ކަމަށެވެ.

118 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 113 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން ބުނީ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްއެވެ.

މި ޕްރޮގްރާމްއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ.

މިގޮތުން މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތަކާއި ބުންވަރު ހުރި ނުވަތަ “ފިޓެސްޓް” ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮފިފައިވަނީ ޕްރައިވެޓް އިބްރާހިމް ރިސްފާން އާއި ޕްރައިވެޓް ރައުދާ މޫސާ ފަތުހީ އެވެ.

އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، “ބެސްޓް އޯލް ރައުންޑް”ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އިބްރާހިމް އިމްރާންއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ  ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅުއެވެ.

މިނިސްޓަރ އިމްރާން ވާހަކަދައްކަވަމުން ވިދާޅުވީ ޕްރިޒަން ރިފޯކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެން ކަމަށާއި ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށާއި، ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗރ ޤާއިމުކުރުން ކަމަށާއި، ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން އިތުރުކުރެވުނުކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 ޕަސެންޓަށް އަދަދު އިތުރު ކުރައްވާނެކަމަށާއި އޮފިސަރުން ތަމްރީން ކުރުމަށް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.

އަދި އޮފިސަރުން ތަމްރީންކުރުމުގައި އައިކޯސްޓް އަދާކުރަމުންދާ އަގުހުރި ދައުރު ފާހަގަކުރައްވައި، ޝުކުރުއަދާކުރެއްވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވީނަމަވެސް، ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމަށް ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ހިމެނޭކަން ފާހަގަކުރައްވައި، ވިދާޅުވީ އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންޤިލާބީ ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ.

މި ތަމްރީންގެ ދަސްވެނިންނާ މުޙާތަބްކުރައްވަމުން  އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ތެރޭގައި ފުރިހަމަ ކުރި މި ތަމްރީން ޕްރޮގްރާމަކީ މުސްތަޤްބަލަށް އެޅޭ ބިންގަލެއްކަމަށާއި އެއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަމަށް ފާހަގަކުރައްވައި، ވިދާޅުވީ ޖަލު ބެލެހެއްޓުމަކީ ވަރަށް ރިސްކުބޮޑު، ވަރަށް ޒިންމާބޮޑު، ދަތި އަދި ބައެއް ފަހަރު ހިތް ދަތި ކަންތައްތަކާ ކޮންމެ ދުވަހެއްގައިހެން ކުރިމަތި ލާންޖެހޭ ކަމެއްކަމަށެވެ.

މިނިސްޓަރ އޮފިސަރުން ކިބައިން އިލްތިމާސް ކުރެއްވީ މިކަންތައްތައް ކުރިމަތިލަމުންދާއިރު، ހިތްހެޔޮކަމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ކެތްތެރިކަމާއެކު ޤާނޫނު ތަންފީޛުކޮށްދެއްވުމަށެވެ.

މި ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އޮނަރަބަލް އިމްރާން ޢަބްދުﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް  މުޙައްމަދު އާސިފް، ޖުވެނައިލް ކޯޓުގެ ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅު، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ޖަލުތަކުގެ ޑައިރެކްޓަރުން، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ދަޢުވަތު އެރުވި މެހެމާނުން ބައިވެރިވެލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް