އާރަށު މައްސަލައިގަ ޔާމީން 11 އަހަރަށް ޖަލަން ލާން ހުކުމް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. މި ހުކުމް އައީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ބޭނުން ކުރުމާއި މަ...

25 Dec 2022 | 13:04

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި ހުކުމް އައީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ބޭނުން ކުރުމާއި މަލީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންގޮސް ހުކުމް އިއްވެވީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

ޔާމީންގެ މައްޗަށް އެ ދެ ދައުވާ ސާބިތުވުމުން ރިޝްވަތުގެ ކުށުގައި އިއްވީ ހަތަރު އަހަރަށް ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށެވެ.

ޖުމްލަ11 އަހަރުގެ ޖަލު ހުކުމާއި އެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައި އެވެ. ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ނިންމަން ދީފައިވަނީ ހަ މަސްދުވަހުގެ މުއްދަތެވެ/

އިސް ގާޒީ ވިދާޅުވީ ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުން ކަމަށެވެ. އެކަމަކު ޔާމީނަށް އަދަބު ކަނޑައެޅީ އެއް ދަރަޖަ ބޮޑުކޮށް ކަމަށާއި އެގޮތަށް ނިންމީ ޔާމީން ކުށް ކޮށްފައިވަނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ކަމަށް ވުމުން ރައްޔިތުންނަށް ގެއްލުންތަކެއް ވެފައިވާކަމަށެވެ.

މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާތީ ކުށްކުރި ގޮތަށް ބަލައި، އިސްގާޒީ ނިންމެވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް 2019 ވަނަ އަހަރު ޔާމީން މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް