ދިވެހި އުފެއްްދުންތައް ޖަޕާނުގެ މާކެޓަށް ތައާރަފުކޮށްފި

ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މާކެޓްތަކަށް ތަޢާރަފްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތަޢާރަފްކ...

25 Dec 2022 | 07:21

ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މާކެޓްތަކަށް ތަޢާރަފްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް، ޖަޕާން އެކްސްޓާރނަލް ޓްރޭޑް ކޯޕަރޭޝަން (ޖެޓްރޯ) އާއި ގުޅިގެން ޖަޕާނުގެ މާކެޓަށް ތަޢާރަފް ކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ ދިވެހި އުފެއްދުންތައް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފައި މިވަނީ ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން އިން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ވިޔަފާރި އުފެއްދުންތައް ޖަޕާނުގެ މާކެޓްތަކަށް ތަޢާރަފްކުރުމަށްޓަކައި ކުރިއަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ އެއަރޕޯޓްތަކުގައި ހުންނަ އައުޓްލެޓްތަކުގައި، ޕްރޮގްރާމްގައި ބައިވެރިވާ ޤައުމުތަކުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް، ޒިޔާރަތްކުރާ ފަރާތްތަކަށް ގަނެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް  ބީސީސީން ހާމަކުރެއެވެ.

އަދި ދިވެހި އުފެއްދުންތައް، ޖަޕާންގެ ނަރީޓާ އެއަރޕޯޓުންނާއި ކަންސައި އެއަރޕޯޓުން މިހާރު ލިބެން ހުންނާނެ ކަމަށް ބީސީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ބީސީސީން ބުނީ ޖަޕާންގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމްކޮށްގެން ބާއްވާ ސޭލްސް އިވެންޓްތަކުގައި ވެސް އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޑިސްޕްލޭ ކުރެވި، ލިބެން ހުންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި، މި ޕްރޮގްރާމްގެ ދަށުން، ޖަޕާން މާރކެޓްގައި ލިބެން ހުންނަ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ބީސީސީން ބުނީ ދިވެހި އުފެއްދުންތައް ޖަޕާނުގެ މާކެޓަށް ތައާރަފުކުރުމަށް ކުރެވުނު މަސައްކަތުގައި، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން  ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ ފައިވާ ކަމަށެވެ.

ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާން މާކެޓަށް ތަޢާރަފްކުރުމަށްޓަކައި ޖަޕާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރުއާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތުގެ އިތުރުން ޖެޓްރޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް