ތޯލިބާނުން ވެރިކަމަށް އެރި ފަހުން މިވީ ފަސް މަސް ތެރޭގައި އަފްގާނިސްތާނުގެ 6،000 އަށްވުރެ ގިނަ ނޫސްވެރިންގެ ވަޒީފާ ގެއްލިއްޖެ އެވެ.
ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ހެދި ދިރާސާއަކަށް ފަހު ބުނެފައިވަނީ އަފްގާނިސްތާނުގެ ވެރިކަމަށް ތޯލިބާނުން އައި އިރު އެ ގައުމުގައި ރޭޑިއޯ، ނޫސް، އަދި ޓީވީ ހިމެނޭހެން 543 މީޑިއާ ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އެކަމަކު މިވަގުތު އޭގެ ތެރެއިން ހިންގަނީ 312 މީޑިއާ ކަމަށް ބުނެފައިވެ އެވެ.
ބަންދު ކުރަން ޖެހުނު 231 ތަނުގައި މަސައްކަތް ކުރި 6،400 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި މިހާރު ހިންގާ މީޑިއާތަކަށް ފަންޑު ލިބުމުގެ ދަތިކަމާއި ދިމާވުމުގެ އިތުރުން ތޯލިބާނުންގެ ފިއްތުންތަކާއި ހެދި މުވައްޒަފުން ވަކި ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިހާރު ހިންގާ ތަންތަނުން ގިނައިން ވަކި ކުރަމުން ދަނީ އަންހެން މުވައްޒަފުންނެވެ. އާރުއެސްއެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަފްގާނިސްތާނުގެ މީޑިއާގައި މަސައްކަތް ކުރި 84 ޕަސެންޓު އަންހެނުންގެ ވަޒީފާ ގެއްލިފައިވާއިރު ޖުމްލަ 60 ޕަސެންޓަށްވުރެ ގިނަ ނޫސްވެރިންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ.
އަފްގާންގައި އަންހެން ނޫސްވެރިން ގިނައިން މަސައްކަތް ކުރަނީ ޓީވީ ޗެނަލްތަކުގައި އެވެ.
އެމެރިކާގެ އަތް ދަށުގައި އޮތް އިރު ބޮޑެތި ވިޔަފާރިތަކުން ސްޕޮންސާ ލިބުމާއި މިނިވަން ކަމާއި އެކު މަސައްކަތް ކުރެވުނު ނަމަވެސް މިހާރު އަފްގާންގައި އެ ފުރުސަތެއް ނެތެވެ. ތޯލިބާން ސަރުކާރުން ވަނީ ނޫސްވެރިން އަމަލު ކުރަން ޖެހޭ1 1 ޝަރުތެއް ކަނޑައަޅައި އެ ޝަރުތުތަކަށް އަމަލު ކުރަން މަޖުބޫރުކޮށްފަ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރަށް ފާޑުކިޔުން މަނާކޮށްފައިވާއިރު މިނިވަން ކަމަށް ގޮވާލާ ތޯލިބާން ސަރުކާރުގެ ހުއްދަ ނެތި ބާއްވާ އެއްވެސް އެއްވުމެއް ކަވަރު ކުރުން ވަނީ މަނާކޮށްފަ އެވެ.
އެފަދަ އެއްވުންތައް ކަވަރުކޮށް އެ ހަބަރުތައް ގެނެސްދޭ ނޫސްވެރިން ހައްޔަރުކޮށް އަނިޔާ ކުރުން މިހާރު ތޯލިބާނުން ވަނީ އާންމު ކަމަކަށް ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް