ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" މިއަދު ބާއްވައިފި އެވެ.
މިއަހަރުގެ ދުވުމުގައި ހަތަރު އުމުރުފުރާ އަކުން 900 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފަވެ އެވެ. ދުވުން ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި އެވެ.
މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް (އެމް.އޭ.ޕީ.ޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ އެމް.އޭ.ޕީ.ޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއަރމަން ޔޫޝަޢު ސަޢީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަޙީދު އެވެ.
އެމް.އޭ.ޕީ.ޑީ އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއަރ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ، ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވިފައިވާތީ އުފާވި ކަމަށެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް. އަދި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް."
އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް