އޭޑީކޭ ހޮސްޕިޓަލްގެ އަހަރީ ދުވަހާއި ގުޅުވައިގެން 35 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވީ މިއީ އެ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހާއިގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.
"ދުވާހިތުން"، މި ޝިޢާރުގެ ދަށުން، އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ މި ޗެރިޓީ ރަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު ނުވަޔަކުން ފެށިގެން 6 ވަނަ ދުވަހުގެ ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ކަމަށް ވެސް އަފްޢާލް ވިދާޅުވި އެވެ. އަދި މި ދުވުމުން ޗެރިޓީގެ ގޮތުގައި ލިބޭ ފައިސާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން މަދުވެގެން އެއް ކިލޯމީޓަރު ދުވަންޖެހޭނެ. އަދި ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާގެ ރޭޓުން ޗެރިޓީއަށް ހަދިޔާކުރާނެ." އަފްޢާލް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިދުވުން ކުރިއަށްދާ އިރު، ކޮންމެ ދުވަހެއްގެ ހަވީރު ހެލްތު ސްކްރީނިންގ ވެސް ކުރިއަށްދާނެ ކަމަށާއި ފަސްޓް އެއިޑްގެ ޚިދުމަތް ވެސް އެސަރަޙައްދުން ފޯރުކޮށްދެވޭނެ ކަމަށެވެ.
އަފްޢާލް ވިދާޅުވި މިދުވުމުގައި ޚާއްސަ މެހްމާނެއްގެ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެން، ރަސްމީކޮށް ދުވުން ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި ދުވުން ނިމޭ ގަޑީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާ 35 ވަނަ އަހަރީ ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އޮންނަ ލޯގޯ ލޯންޗް ކުރުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މި ދުވުމުގައި ލިބުނު ފައިސާ ރަމްޒީ ގޮތުން ހަވާލުކުރުން ވެސް އޮންނާނެ ކަމަށް ވެސް އަފްޢާލް ވިދާޅުވި އެވެ.
މި ދުވުމުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރީ ވާންޖެހޭ އިރު، ރެޖިސްޓްރޭޝަންގެ ކަންކަން ދުވުން ފެށުމާއެކު އެކުވެނި ޓްރެކުގައި ހަމަޖެހިފައި ހުންނާނެ ކަމަށާއި ރަޖިސްޓްރީވުމުން ކޮންމެ ބައިވެރިއަކަށް ވެސް، އަތުގަ އަޅާ ބޭންޑެއް ލިބޭނެ ކަމަށް އަފްޢާލް ވޮދާޅުވި އެވެ.
"ދުވެ ނިމުނީމަ ކޮންމެ މީހަކު ވެސް ދުވި ވަރު ޔަޤީންކުރުމަށް ކައުންޓަރަށް އައިސް ބަލައިލެވޭނެ. އަދި ދުވުން ކުރިއަށްދާ ވަގުތުތަކުގައި ޚާއްސަ ލަކީ ޑްރޯއެއް ކޮންމެ 5 ގަޑިއިރަކުން، ކުރިއަށްދާނެ. 35 ގަޑިއިރު ތެރޭގައި 7 ފަރާތަކަށް ލަކީ ޑްރޯގެ ނަސީބު ލިބޭނެ. މިއިން ކޮންމެ ފަރާތަކަށް އޭޑީކޭ ސްޕޯޓްސް ޕެކޭޖެއް ހިލޭ ލިބޭނެ." އަފްޢާލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް