އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިން ނޭއްގާނީކަމަށް ބުނެ އަދާލަތުން ފާޑުކިޔައިފި

އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ފާޑުކިޔައިފި އެވެ. އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ބޭ...

25 Dec 2021 | 11:22

އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ފާޑުކިޔައިފި އެވެ.

އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. އެމްއެންޑީއެފުން ބުނީ ރާއްޖޭގައި އިންޑިއާގެ75 ސިފައިން ގާއިމްވެ އެބަތިބި ކަމަށެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާލީ އަމަލުތަކެއް ކަމަށެވެ. މި އަމަލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުރެ ކުރިޔަށް ގެންދާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގްވާމީ މަސްރަހުގައި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ. ތަރައްގީގެ ކަންކަން އަދި އެ ނޫން ވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލް ކުރުމަށް އަވަށްޓެރި ގައުމުތަކުގެ އިތުރުން ހެޔޮއެދޭ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އަދާލަތުން ބުނެ އެވެ.

އެ ޕާޓީން ބުނީ އިންޑިއާ ކަނޑުގައި އޮންނަ ރާއްޖޭގެ ކުރިއެރުމާއި ދިވެހިންގެ ސަލާމަތާއި ހުރިހާ މަސްލަހަތެއް ހިމާޔަތް ކުރުމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވިޔަފާރީގައި އިންޑިއާ ކަނޑުގެ އަހައްމިއްޔަތުކަން އިތުރުވަމުން އަންނައިރު، ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ވެސް ހާރިޖީ ސިޔާސަތު ރިއާޔަތް ކުރަންވާ ކަމެއް ކަމަށް އަދާލަތުން ބުނެ އެވެ.

މި ކެމްޕެއިނަށް ތާއީދު ނުކުރާކަން މިހާތަނަށް ހާމަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ވެސް ހިމެނެ އެވެ. އެ ޕާޓީން ބުނެފައިވަނީ މިއީ ރައީސް ޔާމީން ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ހިންގާ ކެމްޕެއިނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް