ޝެއިހް ހަސީނާ --
ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، އެ ޤައުމުގެ ނަޞްރުގެ ދުވަސް ކަމަށްވާ ޑިސެމްބަރު 16 ގައި އެނބުރި ވަޑައިގަތުމަށް ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު ދަރިވަރުންގެ އިންޤިލާބަކާ ގުޅިގެން ވެރިކަން ގެއްލި އިންޑިއާއަށް ވަޑައިގެންނެވި ފަހުން ހަސީނާ ވަކި ތާރީޚެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ. ހަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް ޢަލީ މެދުވެރިކޮށް ނެރުއްވި ބަޔާނުގައި، ބީމާން ބަންގުލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި އެނބުރި ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ސަރުކާރަށް ވަނީ ގޮވާލައްވައިފައެވެ.
ހަސީނާ ފާހަގަކުރެއްވީ 2024 ގެ އޮގަސްޓް ފަހެއްގައި ޤައުމުން ނިކުމެވަޑައިގެންނެވީ ވެސް ބަންގުލަދޭޝްގެ މަތިންދާ ބޯޓެއްގައި ކަމަށެވެ.
ނަމަވެސް ތާރިޤް ރަހުމާން އިސްވެ ހުންނެވި ބަންގުލަދޭޝް ނެޝެނަލިސްޓް ޕާޓީ (ބީއެންޕީ) ސަރުކާރުން ވަނީ ހަސީނާ ޤައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކުރާނެ ކަމަށް ބުނެފައެވެ. ޚާރިޖީ ދާއިރާގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބައިދު ރޮއިޓާޒް އަށް ބުނީ ހަސީނާ ޖަލަށް ގެންދެވޭނެ ކަމަށާއި ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
ބަންގުލަދޭޝްގެ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ޓްރައިބިއުނަލުން 2025 ގެ ނޮވެމްބަރުގައި ވަނީ ދަރިވަރުންގެ އިންޤިލާބު ހުއްޓުވުމަށް ހިންގި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ސާބިތުވެ ހަސީނާއަށް ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފައެވެ. ހަސީނާ ވަނީ އެ ހުކުމަކީ ސިޔާސީ މަޤްޞަދެއްގައި ނެރުނު ހުކުމެއް ކަމަށް ސިފަކޮށް، ބޮލާލައި ޖައްސަވައިފައެވެ.
އދ. އިން ލަފާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެއެވެ.
މީގެ އިތުރުން ހަސީނާ މި މަހު ކުރީކޮޅު ޕާސްޕޯޓާއި ވެރިކަން ނިމުނު ފަހުން ބާޠިލުކޮށްފައިވާ ލިޔެކިޔުންތައް އާ ކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް ސަރުކާރުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފައެވެ. ބަންގުލަދޭޝްގައި މިހާރު ވެސް އައު ހަމަނުޖެހުންތަކެއް ފެތުރެމުން ދާ އިރު، މުޙައްމަދު ޔޫނުސް އިސްވެ ހުންނެވި ވަގުތީ ސަރުކާރުން މަނާކޮށްފައިވާ އަވާމީ ލީގު ޕާޓީން ވަނީ ހަސީނާ އެނބުރި ގެންނަން ގޮވާލައި މުޅި ޤައުމުގައި އިހުތިޖާޖަށް ގޮވާލައިފައެވެ.
ބަންގުލަދޭޝް ސަރުކާރުން ހަސީނާ ހަވާލުކޮށްދިނުމަށް ހުށަހެޅި އެކްސްޓްރެޑިޝަން އެދުމާ މެދު ގޮތެއް ނިންމުން އަދިވެސް އޮތީ އިންޑިއާ ސަރުކާރުގެ ދިރާސާގެ މަރުޙަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް