ޗައިނާގެ ޖައްވީ ސްޓޭޝަނަށް ދާ ފުރަތަމަ ބޭރު އެސްޓްރޮނޯޓަކަށް ޕާކިސްތާނު މީހެއް

25 Nov 2026 | 08:07
ޗައިނާއިން ޖައްވީ ސްޓޭޝަނަށް ފޮނުވި އެސްޓްރޮނޯޓުން --

ޗައިނާއިން ޖައްވީ ސްޓޭޝަނަށް ފޮނުވި އެސްޓްރޮނޯޓުން --

ޗައިނާގެ ޓިއާންގޮންގް ޖައްވީ ސްޓޭޝަނަށް ފޮނުވާ ޝެންޒޯ 24 މިޝަންގައި ޕާކިސްތާނުގެ ޕޭ ލޯޑް ސްޕެޝަލިސްޓް މުޙައްމަދު ޒީޝާން ޢަލީ ހިމެނޭނެ ކަމަށް ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) އިން ބުނެފިއެވެ.

މިއީ ޗައިނާގެ ޖައްވީ ސްޓޭޝަނަކަށް ބިދޭސީ އެސްޓްރޮނޯޓެއް ދާ ފުރަތަމަ ފަހަރެވެ.

Advertisement

ސީއެމްއެސްއޭގެ ތަރުޖަމާނު ޖަންގް ޖިންގްބޯ އަންގާރަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ ޗައިނާގެ ހުޅަނގު އުތުރުގެ ގޯބީ ސަހަރާގައި ހުންނަ ޖިއުޗުއާން ލޯންޗު ސެންޓަރުން މިއަދު ފަތިހު 5:18 ގައި ނައްޓާލާފައިވާ ކަމަށެވެ.

މި ދަތުރުގައި ޒީޝަން އާއި އެކު ޗައިނާގެ ދެ އެސްޓްރޮނޯޓުން ބައިވެރިވެ އެވެ. ގާތްގަނޑަކަށް ފަސް މަހުގެ ކުރު ދަތުރެއް ނިންމުމަށްފަހު، އަންނަ އަހަރުގެ މެއި މަހު ޓިއާންގޮންގުގައި ޑޮކް ކޮށްފައި އޮތް ޝެންޒޯ 23 ގައި އެމީހުން އެނބުރި އަންނާނެއެވެ.

ދަތުރަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީޝާން ޢަލީ ބުނީ އޭނާ ޖައްވަށް ދަނީ 250 މިލިއަން ޕާކިސްތާނު ރައްޔިތުންގެ އުންމީދުތައް ހިފައިގެން ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ޢަޠާއުﷲ ތަރަރް މި މިޝަން ސިފަކުރީ މުޅި ޤައުމަށް "އުފަލާއި ފަޚުރުގެ މަސްދަރެއް"ގެ ގޮތުގައެވެ. ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު އަޙްސާން އިޤްބާލް ބުނީ މި މިޝަނުން ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ވަރުގަދަ އެކުވެރިކަން ހާމަވެގެންދާ ކަމަށެވެ.

ޒީޝާން ޢަލީ އަކީ ޖައްވަށް ދިޔަ ފުރަތަމަ ޕާކިސްތާނު މީހާ ނޫން ކަން ފާހަގަކޮށްލެވެއެވެ. މޮނާކޯގައި ދިރިއުޅޭ ޕޯލާ އެކްސްޕްލޯރާ ނަމީރާ ސަލީމް 2023 ވަނަ އަހަރު އޮކްޓޫބަރުގައި ވާޖިން ގެލެކްޓިކްގެ ގެލެކްޓިކް 04 މިޝަންގައި ޖައްވަށް ގޮސްފައިވެއެވެ. ޗައިނާ ވަނީ ފަހުގެ އަހަރުތަކުގައި ޖައްވީ ޕްރޮގްރާމަށް ބިލިއަނުން ހޭދަކޮށް، އެމެރިކާއާ ވާދަކުރެވޭ ފެންވަރަށް ގެންދިއުމަށް ބޮޑެތި އިންވެސްޓްމެންޓުތައް ކޮށްފައެވެ.

މިހާރު ޓިއާންގޮންގުގައި ތިބީ 40 އަހަރުގެ ކޮމާންޑަރު ޖޫ ޔަންގްޖޫ އާއި ޖަންގް ޖީޔުއާން، އަދި ހޮންގްކޮންގުގެ ފުރަތަމަ އެސްޓްރޮނޯޓް ލައި ކާ ޔިންގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް